logo

މާލެ ސަރަހައްދުގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅައިފި

މަޒީ
9 ގަޑިއިރު ކުރިން

މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، ވަކި ގަޑިތަކެއްގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާލެ ސަރަޙައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވާ ގަޑިތަކެއް އެ ވުޒާރާއިން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
މިއީ މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ޚާއްސަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނިންމި ނިންމުމެެއްގެ ގޮތުގައި އެވުޒާރާއިން ފާހަގަކުރެއެވެ.

އެ ވުޒާރާއިން ކަނޑައަޅާފައިވާ ގޮތުގައި މުދާ އުފުލާ ބައެއް އުޅަނދުތައް ދުއްވުން މަނާ ގަޑިތަކަކީ ހެނދުނު 06:00 އިން ހެނދުނު 08:30 އަށް
އަދި ހެނދުނު 11:30 އިން މެންދުރުފަހު 01:30 އަކަށެވެ.

މި ގަޑިތަކުގައި ދުއްވުން މަނާ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި، ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުފަހަރެވެ. މި އުޅަނދުތައް މަތީގައި ބަޔާންކުރެވުނު ގަޑިތަކުގައި ދުއްވުން މަނާވާނީ ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން ހުރިހާ މަގުތަކާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭގައެވެ.

ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް އާއްމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި، ސްކޫލްތަކުގެ ސަރަހައްދުތަކުގައި ވަކި ބާވަތެއްގެ އުޅަނދެއް ދުއްވުމާއި، އެފަދަ އުޅަނދުތަކުގައި މުދާ އުފުލުން ވަނީ މަނާކޮށްފައެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ވަނީ، މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން މި ގަޑިތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ދަންނަވާފައެވެ. އަދި މިކަމާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ad