ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން އަލުން ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިހާރު އެ މަޤާމުގައި ހުންނެވި ޢާއިޝަތު ޙަސަންގެ ދައުރު ހަމަވާތީކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.މި މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ 12:00 އެވެ.
މަޤާމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގައި މިހާރު ހުންނެވި ޢާއިޝަތު ޙަސަނަކީ ތަފާސްހިސާބުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާއަކީ އިކޮނޮމެޓްރިކްސްއިން މާސްޓާސް ޑިގްރީ އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓްއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި މަޤާމަށް ބޭފުޅަކު ހޮވަނީ މަޤާމަށް ހުޅުވާލުމުން ކުރިމަތިލާ ބޭފުޅުންގެ ތެރެއިންނެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ މާލީ ވަޒީރުގެ ލަފާގެ މަތިން ޗީފް ސްޓެޓިސްޓީޝަނެވެ.މި ޤާނޫނުގައިވާ ގޮތުން ބިއުރޯއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރެވެ. މީގެ އިތުރުން، ތަފާސްހިސާބާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ލަފާދޭ 10 މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެ ކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ތަފާސްހިސާބުގެ ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު އަންގައިދޭ މުހިންމު މަޢުލޫމާތުތައް އިތުބާރުހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

