ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ދުނިޔޭގެ ރެކޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމްކޮށްފިއެވެ. ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ހަރަކާތުގައި 314 މީހުން ބައިވެރިވިއެވެ.
ތިމާވެށި ރައްކާތެރިކުރުމުގެ މި މަސައްކަތަކީ އެންމެން ގުޅިގެން ހިންގުނު މުހިންމު ހަރަކާތެކެވެ. ބީއެމްއެލްގެ އަމާޒަކީ ރާއްޖޭގެ ދިރިއުޅުމާއި އިގްތިސާދު ބަރޯސާވެފައިވާ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމާއި، މިފަދަ ގައުމީ މަސައްކަތްތަކުގައި ވަކިވަކި ފަރުދުންނާއި މުޖުތަމައު އަމަލީގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުން ކަމަށާއި، މި ހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުންނާއި، ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުން އަދި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިން ބައިވެރިވި ކަމަށް ބީއެމްއިން ވަނީ ބުނެފައެވެ.
ކަނޑައެޅިފައިވާ މިންގަނޑުތައް ކަށަވަރުކުރުމަށްފަހު، ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ސެޓްފިކެޓް ހަވާލުކޮށްފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ މޯޓެން ޖޫނިއަރއާއެވެ.
މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ކަމެކެވެ. މިއީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް، ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވައިލާފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ބީއެމްއެލް އިން އަންނަނީ "ޕާލޭ މޯލްޑިވްސް" އަދި "މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް" (މޯޕާ) ފަދަ ޖަމްއިއްޔާތަކާ ގުޅިގެން، ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި ރީސައިކަލްކުރުމަށް ބޭރު ގައުމުތަކަށް ފޮނުވުމަށާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ވެށްޓާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މި ޝަރަފުވެރި ކާމިޔާބީން ދައްކުވައިދެނީ ދެމެހެއްޓެނިވި ތަރައްގީއަށާއި މުޖުތަމައުގެ ލާބައަށް ބީއެމްއެލް އިން ދޭ ޚާއްސަ އަހުމިއްޔަތުކަމެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޒިންމާދާރުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްވެސްމެއެވެ.

.jpg&w=256&q=75)
