ކުޑަ މުސާރައާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން މަސައްކަތްތެރިން ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން، ބަންގްލަދޭޝްގެ ސިނާއީ މަރުކަޒުތަކުގައި ހުރި އެތައް ސަތޭކަ ގާމެންޓް ފެކްޓްރީއެއްގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
ހޯމަ ދުވަހު ވެރިރަށް ޑާކާގެ މިރުޕޫރު ސިނާއީ ސަރަހައްދުގައި ފުލުހުންގެ ބާރު ވަރަށް ބޮޑަށް ގަދަކޮށްފައިވާއިރު، ސަވާރު، އަޝޫލިއާ އަދި ޣާޒީޕޫރުގެ ސަރަހައްދުތަކުގައި ވިދިވިދިގެން ތިންވަނަ ދުވަހަށް މުޒާހަރާތައް ކުރިއަށްދާ ކަމަށް ވެރިރަށުން އަލްޖަޒީރާގެ ތަންވީރު ޗައުދަރީ ރިޕޯޓުކޮށްފައިވެއެވެ.
ހޮނހިރު ދުވަހު މުޒާހަރާތައް ފެށުމާ ގުޅިގެން ގާތްގަނޑަކަށް 500 އެއްހާ ފެކްޓްރީ ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ. އެތައް ހާސް މަސައްކަތްތެރިންނެއް މަގުތަކަށް ނުކުމެފައިވާއިރު، ފުލުހުން ދަނީ ކަރުނަގޭހާއި އަޑުގަދަ ބޮން (ސައުންޑް ގްރެނޭޑް) ބޭނުންކޮށްގެން އެމީހުން ރޫޅާލުމަށް މަސައްކަތް ކުރަމުންނެވެ.
މުޒާހަރާތައް މައިތިރިކުރުމުގެ ގޮތުން، ބަންގްލަދޭޝް ސަރުކާރުން ވަނީ ގާމެންޓް މަސައްކަތްތެރިންގެ އެންމެ ކުޑަމުސާރަ އަލުން މުރާޖައާ ކުރުމަށް އާ ވޭޖް ބޯޑެއް އާދީއްތަ ދުވަހު އެކުލަވާލާފައެވެ. މީގެއިތުރުން، ބޮޑުވަޒީރު ތޯރިގް ރަޙްމާން ވަނީ ވަޒީރުންނާއި މުޝީރުންނާއެކު ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ.
މަސައްކަތްތެރިން އެދެމުންދަނީ މަހަކު އެންމެ ކުޑަމިނުން 30،000 ޓާކާ (242 ޑޮލަރު) ގެ މުސާރައެއް ހަމަޖައްސައިދިނުމަށެވެ. މިއީ މިހާރު ލިބޭ 12،500 ޓާކާ (101 ޑޮލަރު) އާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އަދަދެކެވެ.
ބަންގްލަދޭޝްގެ ފޭރާމުގެ ސިނާއަތަކީ ގާތްގަނޑަކަށް 38 ބިލިއަން ޑޮލަރުގެ އަގުހުރި، އެކްސްޕޯޓް އާމްދަނީއާއި ވަޒީފާގެ ފުރުސަތުތައް އެންމެ ބޮޑަށް ހޯދައިދޭ މައިގަނޑު ވަސީލަތެވެ.
ނަމަވެސް، ދިރިއުޅުމުގެ ޚަރަދުތައް އުފުލެމުންދާތީ މިހާރު މަސައްކަތްތެރިންނަށް ލިބޭ މުސާރައަކީ "ފުދޭވަރެއް ނޫން" ކަމަށް ޗައުދަރީ ވިދާޅުވިއެވެ.
އަދި އެވަރުގެ ފައިސާކޮޅަކުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަކީ މަސައްކަތްތެރިންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެތައް ބިލިއަން ޑޮލަރެއްގެ މި އެކްސްޕޯޓް ވިޔަފާރިން އެމީހުންނަށް ވެސް ހައްގު މިންވަރެއް ބޭނުންވާކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
ވިއެޓްނާމާއި ކެމްބޯޑިއާ އަދި އިންޑިއާއާ ވާދަކުރަމުން އަންނަ ބަންގްލަދޭޝްގެ ގާމެންޓް ސިނާއަތަށް މި މުޒާހަރާތައް ކުރިމަތިވެފައި މިވަނީ، އެ ދާއިރާއަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ފެކްޓްރީތަކުގެ ވެރިން ބުނާ ގޮތުގައި، ޚަރަދުތައް ބޮޑުވުމާއި، އެމެރިކާ-އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައިސްފައިވާ ނުތަނަވަސްކަމާއި، އަދި ބައެއް ސަރަހައްދުތަކަށް މުދާ އެކްސްޕޯޓްކުރާ މިންވަރު ދަށްވުމުގެ ސަބަބުން އެ ސިނާއަތަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އެހެންނަމަވެސް، ދުނިޔޭގައި ވެސް ފޭރާމުގެ ސިނާއަތުގައި "އެންމެ ކުޑަ މުސާރައެއް ދޭ ގައުމުތަކުގެ ތެރޭގައި" ބަންގްލަދޭޝް ހިމެނޭ ކަމަށް، ބަންގްލަދޭޝް ގާމެންޓް އެންޑް އިންޑަސްޓްރިއަލް ވޯކާސް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަދި ވޭޖް ބޯޑުގައި މަސައްކަތްތެރިން ތަމްސީލުކުރައްވާ ބާބުލް އަޚްތަރު ވިދާޅުވިއެވެ.
ފެކްޓްރީތަކުގެ ވެރިންނަށް މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރައެއް ނުދެވޭނަމަ، ބައިނަލްއަގުވާމީ ބަޔަރސްއާ ވާހަކަދައްކައިގެން ރަނގަޅު އަގުތައް ހޯދަންވީކަމަށާއި މަސައްކަތްތެރިންނަށް ކުޑަ މުސާރަދީ، އެމީހުން ނިކަމެތިކޮށްގެން ވިޔަފާރި ފުޅާކޮށްގެން ނުވާނެކަމަށް އަޚްތަރު އިތުރަށް ވިދާޅުވިއެވެ.
ބަންގްލަދޭޝް ގާމެންޓް މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ރައީސް މަޙްމޫދު ޙަސަން ޚާން ވިދާޅުވީ، ސަރުކާރުން "މިހާރުވެސް ވޭޖް ބޯޑު އެކުލަވާލައިގެން ފިޔަވަޅެއް އަޅާފައިވާ" ކަމަށެވެ.
އުންމީދު ކުރަނީ މުސާރަ މުރާޖައާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތްތެރިން ފުރުސަތު ދޭނެކަމަށް ކަމަށްއޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޚާން ވަނީ ހޯމަ ދުވަހުވެސް މަސައްކަތް ނުކޮށް މުޅިންވެސް މުޒާހަރާތައް ކުރިއަށްދާނަމަ މުސާރަ ނުދިނުމުގެ އުސޫލު ތަންފީޒުކުރުން ނޫން އިތުރު ގޮތެއް ނޯންނާނެކަމަށެވެ.


