ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ކަންތައް ކަމަށާއި، އެއީ މީގެ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެންމެ އަސާސީ ތިން ބާވަތް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ގިނަ އައު އައިޓަމްތަކެއް ސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެސްޓީއޯ މެދުވެރިކޮށް އެ ތަކެތި ރާއްޖެ ގެނެސް، ހޯލްސޭލަރުންނަށް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންނަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކަށް އެއްވެސް ދައްޗެއް ނެތި ރަސްމީ ރޭޓުގައި ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ދޫކުރަމުންދާ ކަމަށެވެ. މީގެއިތުރުން، ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވުމަށާއި، ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ ކަންކަން ސަރުކާރުން ބަރާބަރަށް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، ބަންކަރިންގ ޚިދުމަތުން އެންމެ ފަހުގެ ރިޕޯޓުތައް ދައްކާ ގޮތުގައި 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަން ހާމަކުރައްވާފައެވެ. އަދި މިއީ މީގެ ކުރިން ދުވަހަކުވެސް ރާއްޖެއަށް ވަދެފައިވާ ރެވެނިއުއެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

.jpg&w=256&q=75)
