logo

ހުޅުމާލޭ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ހުޅުމާލޭގެ ޖަލު ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ފުލުހުން ގުޅިގެން ފަށައިފިއެވެ.

ކަރެކްޝަންސް އިން ބުނީ، އެ އިދާރާއި ފުލުހުން ގުޅިގެން، ހުޅުމާލެ ޖަލުގައި މިއަދު ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. އެ އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސްއިން ހާމަކޮށްފައެއްނުވެއެވެ. ހޯމަ ދުވަހު ކަރެކްޝަންސްއިން ވަނީ ފުލުހުންނާއި ގުޅިގެން މާފުށީ ޖަލުގައި ވެސް އޮޕަރޭޝަނެއް ހިންގާފައެވެ.

ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމުގެ މައްސަލަތަކާއި ޖަލުގައި ތިބޭ ގައިދީން ސްކޭމްގެ ކަންކަން ހިންގާތީ، މީގެ ކުރިންވެސް ޖަލުތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއްގެ އިތުރުން ބެގޭޖް ސްކޭނާ މެޝިންވެސް ބަހައްޓައި މި އަހަރު ވަނީ ބޭނުންކުރަން ފަށާފައެވެ. އެ މެޝިންތަކާއެކު ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމުގެ ކުރިން ފަސޭހައިން ދެނެގަނެވި، މިހާރަކަށް އައިސް ގައިދީން ޖަލަށް ފޯނު ވައްދައި، އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ad