ރާއްޖެއިން ހިމަބިހި ނުވަތަ މީސްލްސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 15 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ކޭސްތަކެއް ފެންނަން ފެށުމާ ގުޅިގެން އެޗްޕީއޭއިން މިހާރު ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ބަލީގެ ކޭސްއެއް ފެނުނު ފަހުން މިހާތަނަށް 15 މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 4 މީހުންނަކީ މިދިޔަ ހަފުތާގެ ތެރޭގައި ބަލި ޖެހުނު މީހުންނެވެ. މިހާތަނަށް ޕޮޒިޓިވްވި އެންމެން ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ.
ބަލި ޖެހިފައިވާ މީހުން ފެނުމުން ކޮންޓެކްޓް ޓްރޭސިންގއަށް އެއްބާރުލުން ދެއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެހެންކަމުން އެޗްޕީއޭއިން ގުޅުމުން އެމީހަކާއި ބައްދަލުވި މީހުންނާއި ދަތުރުކުރި ގޮތުގެ ތަފްސީލް ހިއްސާކޮށްދިނުމަށްވަނީ އެދިފައެވެ.
އެޗްޕީއޭއިން މިހާރުވެސްދަނީ ހިމަބިހިން ރައްކަތެރިވުމަށް ވެކްސިން ނުޖަހާ މީހުންނަށް އަދި ވެކްސިން ޖެހިކަން ކަށަވަރުނުވާ ފަރާތްތަކަށް އަމާޒުކޮށްގެން ވެކްސިން ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ވެކްސިން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިހާރު ވެކްސިން ދެމުންދަނީ ހިމަބިއްސަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ ފަރާތްތަކަށެވެ.
ހިމަބިހި މިދުވަސްވަރު އިތުރުވަމުންދާތީ ބަލީގެ ޢަލާމާތެއް ފެނިއްޖެނަމަ އަވަހަށް ސިއްޙީ ފަރުވާދޭ ތަނަކަށް ދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ހިމަބިހީގެ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
މި ބަލި ޖެހުމުން ފުރަތަމަ ބިހިތައް ނަގަނީ މޫނާއި ކަރުގައެވެ. އޭގެ ފަހުން މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށައެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް ރާއްޖެއިން މި ބަލީގެ ކޭސްތަކެއް ފެނިފައިވެއެވެ.

