އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓުގެ ގޮތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން 133.5 މިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ބަޖެޓަށް ލަފާކުރާ އަދަދު ހުށަހަޅައި އޮޑިޓް އޮފީހުން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، އެ އޮފީހުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި، ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވާ ކަންކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ހިއްސާކުރައްވަމުން އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ، އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓު ކުރަން ނިންމަވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކާއި، މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓްތަކާއި، މިއަހަރު ނުނިމޭ އޮޑިޓްތަކެއްގެ މަސައްކަތްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އޮޑިޓް ހިންގާ ދާއިރާތަކުގެ ތެރޭގައި :
- ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން 61 ތަނެއްގެ ފައިނޭންޝިއަލް އަދި ކޮމްޕްލަޔަންސް އޮޑިޓް
- ލޯކަލް ކައުންސިލްގެ 106 އޮޑިޓް
- ޕަބްލިކް ފަންޑާއި ސްކީމްގެ 6 އޮޑިޓް
- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢުތަކުގެ 22 އޮޑިޓް
- ދައުލަތުގެ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓްގެ ތެރޭގައި ހިމެނޭ 40 އޮޑިޓް
- މާލީ އިދާރާތަކުގެ ތެރޭގައި ހިމެނޭ 4 އޮޑިޓް
- ބަޖެޓާއި ފިސްކަލް ޓްރާންސްޕޭރެންސީ ޤާނޫނުގެ ދަށުން ކުރަންޖެހޭ 5 އޮޑިޓް
- ދައުލަތުގެ ދަރަންޏާއި ގެރެންޓީ ހިމެނޭ 3 އޮޑިޓް
- ޕާފޯމަންސް އޮޑިޓްގެ ގޮތުގައި ހިމެނޭ 6 އޮޑިޓް
- ސްޕެޝަލް އޮޑިޓްގެ 8 އޮޑިޓް
- އިންފޮމޭޝަން ސިސްޓަމްތަކުގެ 7 އޮޑިޓް
- ތިމާވެއްޓާ ގުޅުންހުރި 6 އޮޑިޓް
- މިއަހަރު ނުނިމި ހުރި 120 އޮޑިޓް
އޮޑިޓާ ޖެނެރަލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް އެ އޮފީހުން 183 ރިޕޯޓު ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި 259 އޮޑިޓެއްގެ މަސައްކަތް ކުރިއަށްދާ އިރު މީގެ ތެރެއިން ބޮޑު ބައެއް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވިއެވެ.
މިއަހަރަށް މަޖިލީހުން އޮޑިޓް އޮފީހަށް ކަނޑައެޅީ 134.2 މިލިޔަން ރުފިޔާގެ ބަޖެޓެގެ ތެރެއިން 56.9 މިލިޔަން ރުފިޔާ މީހަތަނަށް ހަރަދުވެފައިވާ އިރު، 45 މިލިޔަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށާއި އަހަރު ނިމޭއިރު 31 މިލިޔަން ރުފިޔާ ބޭނުން ނުކުރެވި ހުންނާނެ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ. އަދި އެ ފައިސާ ހިމަނައިގެން އަންނަ އަހަރުގެ ބަޖެޓުގައި ކަންކަން ރާވާފައިވާ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.
އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅުއްވީ 133،590،265( ސަތޭކަ ތިރީސް ތިން މިލިޔަން ފަސް ލައްކަ ނުވަދިހަ ހާސް ދުއިސައްތަ ފަސްދޮޅަސް ފަސް) ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 43.5 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.

