logo

ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދޭ ޕްރޮގްރާމެއް ފަށަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން، ވޯލްޑް ބޭންކްގެ އެހީގައި ތަންފީޒުކުރެވޭ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ މިއަހަރުގެ ތިންވަނަ ކޯހެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ.

ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްގެންދާ މި އަސާސީ މެރިކަލްޗަރ ކޯސް ތާވަލުކުރެވިފައިވަނީ 10 އޮކްޓޯބަރ 2026 އިން 21 އޮކްޓޯބަރ 2026 ގެ ނިޔަލަށެވެ. ޖުމްލަ 15 ބައިވެރިންނަށް ފުރުސަތު ހުޅުވާލާފައިވާ މި ފަންނީ ތަމްރީނު ޕްރޮގްރާމްގެ މުއްދަތަކީ 14 ދުވަހެވެ.

މިކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހފައިވާ ބައިތަކަކީ:

  1. އެކްއަކަލްޗަރގެ ނިޒާމުތައް.
  2. ދިރޭ ކަނާ އާލާކުރުން.
  3. ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން.
  4. ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑާ ބޮޑުކުރުން.
  5. ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން.
  6. އިތާމުތް އާލާކުރުން.
  7. މޫދުވިނަ (ސީވީޑް) ހައްދައި އާލާކުރުމުގެ ތިއަރީ ކިޔަވައިދިނުން
  8. އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން.
  9. ދިރުން އާލާކުރުމުގައި ތިމާވެށި ރައްކާތެރިކުރުން.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ފޯމު ފުރިހަމަ ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މިނިސްްޓްރީން ބުނީ މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ 15 ފުރުސަތަށްވުރެ ގިނައިން ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިނގް ފެސިލިޓީގަ ކަމަށާއި، ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްކުން ނަންބަރު 3322242 ނުވަތަ 9555373 އަށް ގުޅުއްވުން އެދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ad