logo

މާލެ ޓެކްސީ އެޕް ހެކެއް ނުކުރޭ، މައުލޫމާތު ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

އާމިނަތު މޫސާ
2 ދުވަސް ކުރިން

މާލެ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކު ކުރި ކަމަށް ބުނެ ދައުރުކުރަމުންދާ ޚަބަރަކީ ހަޤީޤަތާ ހިލާފު ދޮގު ޚަބަރެއް ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނެފައި ވަނީ މާލެ ޓެކްސީ އެޕްލިކޭޝަންގައި ޚިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަންތައް ބަދަލުވެ، އެޕްލިކޭޝަންގެ ޚިދުމަތް މުޅިން މެދުކެނޑުމަށްފަހު ސޯޝަލް މީޑިއާގައި ބައެއް މައުުލޫމާތުތައް ލީކުވެފައި ވާތީއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވަނީ، ޓެކްސީ އެޕްގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އެ މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއް ކަން އެތެރޭގެ ތަހުގީގުން އެނގިފައިވާ ކަމަށެވެ. އެ މުވައްޒަފު އެ ކަން ކުރީ އެއްވެސް ހުއްދައަކާ ނުލައި އަމިއްލަ ޒާތީ އަދި ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ނިޔަތުގައި ކަމަށް ވެސް އެމްޓީސީސީގެ ބަޔާނުގައިވެއެވެ.

މިގޮތުން އެ މުވައްޒަފު މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށާއި ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އޭނާއާމެދު އަޅާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.

އެގޮތުން އާންމުވި މައުލޫމާތުތަކުގެ ތެރޭގައި އެ އެޕްލިކޭޝަން ބޭނުންކުރި އާންމުންގެ ނަމާއި ފޯނު ނަންބަރާއި ވޮލެޓް އައިޑީ އަދި އީމެއިލް އެޑްރެސް ހިމެނެއެވެ. އެކަމާގުޅިގެން އެމްޓީސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލުގެނެސް، ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފަކުކަން އެކުންފުނިން ކުރި އެތެރޭގެ ތަހުގީގުން އެނގިފައިވާ ކަމަށެވެ.

މާލެ ޓެކްސީ އެޕުގެ ބެކްގްރައުންޑް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ސިސްޓަމަށް ފާހަގަވުމާއެކު، ވަގުތުން އެ ސިސްޓަމް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެސް ރައްކާތެރިކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިފަދަ ކަންކަމަކީ އެމްޓީސީސީން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކުރުމަށް ހިންގާ އަމަލުތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެމްޓީސީސީން ވަނީ ކަސްޓަމަރުންނަށް ޓެކްސީ އެޕުން ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިނުވާނެ ކަމަށްވެސް ބުނެފައެވެ.

ތިމާވެއްޓާ ރަށްޓެހި 150 އިލެކްޓްރިކް ވެހިކަލާއެކު މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް “މާލެ ޓެކްސީ ލައިން” އިފްތިތާހުކުރީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރެއެވެ.

ad