logo

ބީއެމްއެލްއިން ދެއަހަރާއި ބައިގެތެރޭ، 1.7 ބިލިޔަން ޑޮލަރު ވިއްކައިފި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ވޭތުވެދިޔަ 30 މަސް ދުވަސް ތެރޭގައި ކަސްޓަމަރުންނަށް 1.7 ބިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފި އެވެ.

2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިޔަން ޑޮލަރު ވިއްކާފައެވެ.
މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު 77 އިންސައްތައިގެ އިތުރުވުމެކެވެ. އެ މުއްދަތުގައި ބޭންކުން ވިއްކާފައިވަނީ 957 މިލިޔަން ޑޮލަރެވެ. ބޭންކުން ވިއްކި ފައިސާގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފަރ (ޓީޓީ)، ތައުލީމާއި ބޭސްފަރުވާގެ އިތުރުން ދަތުރުވެރިންނަށް ވިއްކި ފައިސާ ހިމެނެއެވެ.

ބޭންކުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކާޑު މުއާމަލާތްތަކަށް ވިއްކި ޑޮލަރުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް 870 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. 2021 ވަނަ އަހަރު މި ބޭނުމަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރު އެ އަދަދު ވަނީ މަހަކު 37.8 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ހަމައެއާއެކު، ޓީޓީ ފޮނުވުމަށް ވިއްކާ ފައިސާގެ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2023 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.2 މިލިޔަން ޑޮލަރު ޓީޓީއަށް ވިއްކިއިރު، މިއަހަރު އެ އަދަދު ވަނީ މަހަކު 28 މިލިޔަން ޑޮލަރަށް އުފުލިފައެވެ. މީގެ އިތުރުން ތަޢުލީމާއި ބޭސްފަރުވާއަށް ވިއްކާ ޑޮލަރުގެ މިންވަރުވެސް އަހަރުން އަހަރަށް އިތުރުވަމުން ގޮސް، މިއަހަރު މަހަކު އެވްރެޖްކޮށް 5.8 މިލިއަން ޑޮލަރު އެ ބޭނުންތަކަށް ދޫކުރަމުންދާކަން ބޭންކުން ފާހަގަކުރެއެވެ.

ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ވިއްކާ ޑޮލަރަށް ބަލާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އަށް 264 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު 70 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެވްރެޖްކޮށް މަހަކު 8.5 މިލިއަން ޑޮލަރު ދަތުރުވެރިންނަށް ބޭންކުން ވަނީ ވިއްކާފައެވެ.ބޭންކުން ހާމަކުރި ގޮތުގައި މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ad