ހިމަބިހި ކޭސްތަކުގެ އިތުރުވެ، 121 މީހަކު މި ބައްޔަށް ޕޮސިޓީވް، ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. ބަލީން ރައްކާތެރިވުމަށް މިހާރު ދަނީ ވެކްސިން ވެސް ދެމުންނެވެ.
މިހާތަނަށް 5495 ފަރާތަކަށް ހިމަބިހީގެ ވެކްސިން ދީފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދީފައިވާއިރު، އެ އޭޖެންސީން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަޤީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން، ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކަށް، ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހޭނެކަމަށްވެސް އެ އޭޖެންސީން ވަނީ ބުނެފައެވެ. ހަމައެއާއެކު، އެޗްޕީއޭއިން ބުނީ މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ޞިއްޙީ މަރުކަޒުތަކުންވެސް ކަނޑައެޅިފައިވާ ގަޑިތަކެއްގައި ވެކްސިންގެ ޚިދުމަތް ލިބޭނެކަމަށެވެ.

