logo

ޙައްޖުވެރިންގެ ދެ ވަނަ ގުރޫޕު ސަޢުދީއަށް

އާމިނަތު މޫސާ
17 ގަޑިއިރު ކުރިން

1447 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރައިފިއެވެ. ޙައްޖުވެރިން ފުރާފައިވަނީ މިއަދު ހެނދުނު 8:04 ގައި ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

މި ފްލައިޓުގައި 260 ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ފުރާފައެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި 238 ޙައްޖުވެރިން މިހާރު މައްކާއަށް ދިއުމަށްފަހު ފުރަތަމަ ޢުމްރާ ފުރިހަމަކޮށްފައިވެއެވެ.

މިއަދު މައްކާއަށް ދާ ދެވަނަ ފްލައިޓުގެ ޙައްޖުވެރިންނަށްވެސް ހޫނު މަރުޙަބާއެއް ކިއުމަށް ދިވެހި ޙައްޖު މިޝަނާއި، ޙައްޖު ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހުއެވެ. މިއަހަރު ދިވެހި ހައްޖުވެރިން ދަތުރުކުރަނީ މޯލްޑިވިއަންގައްޔާއި ސައުދީ އެއަރަލައިންގައެވެ.

ރާއްޖޭން މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދިވެހި ހައްޖުވެރިންގެ ތެރެއިން ހުކުރު ދުވަހުގެ ރޭ މައްކާއަށް ދިޔަ 238 ހައްޖުވެރިންނަށް މައްކާއިން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ހައްޖުވެރިން މިހާރު ވަނީ ފުރަތަމަ އުމްރާ ކުރުމަށް ފަށާފައިވާ ކަމަށް ވެސް ދިވެހި ހައްޖު މިޝަނުން މައުލޫމާތު ދެއްވާފައިވެއެވެ.

ރާއްޖެއިން ހައްޖަށް ދިއުމަށް ކޮންމެ އަހަރަކު ވެސް ލިބެނީ 1،000 ޖާގައެވެ.

މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. މީގެ ސަބަބުން ޙައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.

ad