logo

މިދިޔަ މަހު މަސްވެރިންނަށް 29.3 މިލިއަން ރުފިޔާ ދޫކޮށްފި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

މިދިޔަ މާރިޗު މަސް ނިމުނުއިރު މަސްވެރިންނަށް 29.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުގައި ވާގޮތުން، ފެބްރުވަރީ މަހާ އަޅާބަލާއިރު މަސްވެރިންނަށް ލިބުނު ފައިސާގެ އަދަދު ވަނީ 44 އިންސައްތަ އިތުރުވެފައެވެ. މާރިޗުު މަހު 29.3 މިލިއަން ރުފިޔާ ދޫކުރިއިރު ފެބްރުވަރީ މަހު ދޫކޮށްފައިވަނީ 20.3 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު 591 ދޯންޏަކުން ވަނީ މަސް ކިރުވާފައެވެ. މިދިޔަ ފެބްރުވަރީ މަހު މިފްކޯއަށް މަސްކިރުވީ 514 ދޯންޏަކުންނެވެ. ފެބްރުވަރީ މަހާ އަޅާބަލާއިރު އެއީ 14 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ މަހު މިފްކޯގެ ފެސިލިޓީތަކަށް ވަނީ ޖުމްލަ 1625 ޓަނުގެ މަސް ކިރުވާފައެވެ. ފެބްރުވަރީ މަހު ކިރުވި މަހުގެ ޖުމްލަ އަދަދަކީ 1180 ޓަނެވެ. މިއީ، 37 އިންސައްތައިގެ ކުރިއެރުމެކެވެ.

ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަ މަހާއި 10 ކިލޯއިން މަތީގެ ކަންނެލި އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި ދޯނިތަކަށެވެ.

މަސްވެރިންނަށް މާރިޗު މަހު ދޫކުރި 29.3 މިލިއަން ރުފިޔާގެ ތެރެއިން ކަޅުބިލަ މަހަށް 26.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ދިހަ ކިލޯއިން މަތިން ކަންނެލި ބޭނި ދޯނިތަކުގެ މަސްވެރިންނަށް 7 ލައްކަ ރުފިޔާ ދޫކުރިއިރު، 15 ކިލޯއިން މަތިން ކަންނެލި ބޭނި ދޯނިތަކަށް 1.7 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށީ މި ސަރުކާރުގައި، 2024 ޑިސެންބަރު 11 އިން ފެށިގެންނެވެ. އޭގެފަހުން މެދުކެނޑުމެއް ނެތި ސަރުކާރުން އަންނަނީ ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ. ކުރިން ކަޅުބިލަ މަހުގެ މަސްވެރިންނަށް ފައިސާ ދޫކުރިއިރު، މިހާރު ކަންނެލި ދޯނިފަހަރުތަކަށް ވެސް މިފްކޯއިން ވަނީ ފައިސާ ދޫކުރަން ފަށައިފައެވެ.

ad