ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ޤާއިމުކުރެވޭނީ، އޯގާތެރި މުޖުތަަމައެއް ބިނާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ގައުމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. "މަޝްވަރާ އޮން ޗައިލްޑް ރައިޓްސް" ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އިތުރަށް ވިދާޅުވީ އެ ބަދަލުވަމުންދާ މާހައުލުގައި، ބެލެނިވެރިންނާއި، ކުދިން ބަލަހައްޓާ ފަރާތްތަކާއި، މުދައްރިސުން ކުދިންނާއެކު އައު ކަންކަން އުނގެނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޑިޖިޓަލް މާހައުލުތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި ކުދިންނަށް މަގުދައްކައިދޭންޖެހޭނީ، އެކުދިންގެ މައުސޫމްކަމާއި، ސަލާމަތާއި، ނަފްސާނީ ދުޅަހެޔޮކަމަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން ބަދަލުވަމުންދާ މި މާހައުލާ ގުޅޭގޮތުންކަމަށެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، ކުޑަކުދިންނަށް ދިމާވާ އެކި ކަހަލަ ކަންކަމާއި، އެކުދިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ މަޝްވަރާ އޮން ޗައިލްޑް ރައިޓް" ނުވަތަ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާގެ ނަމުގައި ހާއްސަ ހަރަކާތެއް މިހާރު ވަނީ ފަށާފައެވެ.
ސާޖިދާގެ ވާހަކައިގަ ކުޑަކުދިން ރައްކާތެރިކުރުމަކީ ހަމައެކަނި ގާނޫނުތަކާއި މުއައްސަސާތަކުގެ ޒިންމާއެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު ކުދިން ތަރުބިއްޔަތު ކުރާ ގޮތަކީ ހަމައެކަނި އެކުދިންގެ މުސްތަގުބަލަށް ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައުގެ ކުރިމަގާއި ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. ކުޑަކުދިންނަށް އޯގާތެރިވެ އަޅާލުމަކީ ހަމައެކަނި އެކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމެއް ވެސް ނޫންކަމަށާއި، އެކުދިންގެ ފިކުރާއި، އަހުލާގާއި، މުޖުތަމައަށް ބޭނުންތެރި، އިތުބާރު ހުރި ބަޔަކަށް ހެދުމަށް ބޭނުންވާ މާލީ އަދި އަހުލާގީ ބިންގާ އަޅައިދިނުން މުހިއްމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކުޑަކުދިން އިންޓަނެޓް ބޭނުންކުރުމުގައި ހެލްތީ ބައުންޑަރީސް ނުވަތަ އިންތަކެއް ކަނޑައެޅުމުގެ މުހިންމުކަން ފާހަގަކުރެއްވާ ވިދާލުވީ 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ ބޭނުންކުރުން ހަރުކަށި ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަކީ ކުދިންގެ ރައްކާތެރިކަމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަޅެއްކަަމަށެވެ.
އަދި ސަރުކާރުގެ "ނޭޝަނަލް އެކްޝަން ޕްލޭން 2024-2028" ގެ ދަށުން އޮންލައިންކޮށް ކުދިންނަށް ކުރިމަތިވާ އަނިޔާތަކުން ސަލާމަތްކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދާއިރު، އެކަން ކުރަންވާނީ ކުދިންގެ އަހުލާގާއި، ދީނީ ސިފަތަކާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިގެން ނުދާނެ ފަދަ ގޮތަކަށް ކަމަށްވެސް މެޑަމް ސާޖިދާގެ ވާހަކައިގަ ވިދާޅުވިއެވެ.


