logo

ފެނަކަ ސައިދުގެ މައްސަލައިގެ އިސްތިއުނާފް އަވަސްކުރުމަށް ރައީސް ނަޝީދު ގޮވާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ދައުލަތުގެ ޔޫޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްސަލައިގެ އިސްތިއުނާފް އަވަސްކުރުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ގދ. ވާދޫ މައިފޫނާ އަހުމަދު ސައީދު މުހައްމަދު ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް ތާށިވެފަ އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ކަށވަރުކޮށްދޭ އިސްތިއުނާފްގެ ހައްގަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި އިރު، އެ ކޯޕަރޭޝަނަށް މުދަލާއި ހިދުމަތް ހޯދަން އޭނާގެ އާއިލީ ތިން ކުންފުންޏަކަށް 49.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓެއްގައި ބުނެފައިވާތީ މައްސަލައާއި ގުޅިގެން ސައީދުގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

ނަމަވެސް ސައީދު މިހާރުވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ ސިއްހީ މައްސަލަތަކާ ގުޅިގެން އައިލާއިން ގޭބަންދަށް ބަދަލުކޮށްދޭން އެދިފައިވާތީއެވެ.

ސެޕްޓެމްބަރު 28، ގައި ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއް ސޮއިކުރި މައްސަލައިގައި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވެގެންނެވެ.

މި މައްސަލައާއި ގުޅިގެން ސައީދު މީގެ ކުރިން ބުނިީ ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމަކަށް ދާން ޖެހުނީ، އެ އެއްބަސްވުން އުވާލައިގެން ކޯޓަށް ގޮސްފި ހާލަތެއްގައި ބްލޭޒަންއަށް ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ ފެނަކައަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމަށް ކަމަށެވެ.

ad