logo

ފުލުހުންގެ ކޮންމެ ދާއިރާއަކަށް ބެލިނަމަވެސް އަންހެން އޮފިސަރުންގެ ގާބިލުކަން ފެނޭ: ސީޕީ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ފުލުހުންގެ ކޮންމެ ދާއިރާއަކަށްބެލިކަމުގައިވިޔަސް، އަންހެން އޮފިސަރުންގެ ޤާބިލުކަމާއި، ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ތިންވަނަ ދައުރު އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސިޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ މުޅި މުޖުތަމަޢު ރައްކާތެރިކޮށް އަމާންކަން ދެމެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަރަށް ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ.

އެގޮތުން ފުލުހުންގެ އިސް ސަފުގައްޔާއި، ނިންމުންތައް ނިންމާ މަރުޙަލާތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް ފުރުސަތުތަކެއް ހޯދައިދިނުމަށް އިސްކަން ދެއްވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ ކޮންމެ ދާއިރާއަކަށްބެލިކަމުގައިވިޔަސް، އަންހެން އޮފިސަރުންގެ ޤާބިލުކަމާއި، ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާކަން ފާހަގަކުރައްވާ ސީޕި ވިދާޅުވީ، މުޖުތަމަޢާއި ގުޅިގެން މަސައްކަތްކުރުމުގައްޔާއި، ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާގުޅޭ ނާޒުކު މައްސަލަތަކުގައި އަންހެން އޮފިސަރުންނަކީ، އިތުބާރާއި ޔަޤީންކަން އާލާކޮށްދޭ މުހިންމު ހިއްސާދާރެއް ކަމަށެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ އަމާޒަކީ ހަމަހަމަކަމާއެކު އެންމެން ޝާމިލުވާ، ފަރަގުކުރުމެއް ނެތް މާހައުލެއް ފުލުހުންގެ ތެރޭގައި ގާއިމުކުރުން ކަމަށެވެ. އަދި ނިންމުންތައް ނިންމާ މަރުހަލާތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް، އެ އޮފިސަރުންނަށް ހުރި ގޮންޖެހުންތައް ނައްތާލައި ފުރުސަތުތައް ފަހިކޮށްދިނުމަކީ މުއައްސަސާއިން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އައު ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން މިކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި، ކޮމިޝަނަރގެ ހައިސިއްޔަތުން ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

މީގެ އިތުރުން އަންހެން އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި، ފުންކޮށް ވިސްނުމުގެ ބާރަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމައެހެންމެ އެ މުއައްސަސާގެ އަމާޒަކީ، އެންމެން ޝާމިލްވާގޮތަށް ފަރަޤުކުރުމެއްނެތް ހަމަހަމަ މާހައުލެއް ޤާއިމްކުރުން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ad