logo

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިމަހު 15ގައި ފުރަނީ

އާމިނަތު މޫސާ
19 ގަޑިއިރު ކުރިން

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް މި މަހު 15 ގައި ސައުދި އަރަބިއްޔާއަށް ދިއުމަށް ފުރާއިރު، މިފަހަރު ހަތަރު ފްލައިޓެއްގައި މީހުން ދަތުރުކުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންގެ ކަންކަން އިންތިޒާމުކުރުމަށް ސައުދީއަށް ދާ އެ ކުންފުނީގެ އެޑްވާންސް ޓީމުގެ ބައިވެރިން މާދަމާ ފުރާނެ ކަމަށެވެ.

މިފަހަރު ހަތަރު ފްލައިޓެއްގައި ދިވެހިން ހައްޖަށް ދާއިރު، އޭގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ބާއްވާ ދެ ދަތުރެވެ. އަނެއް ދެ ފްލައިޓަކީ ސައުދިއާ އެއާލައިނުން ބާއްވާ ދެ ދަތުރެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އިން ކުރިން ބުނެފައިވާ ގޮތުގައި، މި އަހަރު ހައްޖަށް 1،000 ދިވެހިންގެ ތެރެއިން 500 މީހަކު ދަތުރުކުރާނީ މޯލްޑިވިއަންގަ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށައި، ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހު ފަހަކުން ފެށިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެ އިތުރުން މިއަހަރު ހައްޖު މޫސުމަށް މައްކާގައި ގާއިމު ކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ ހަމަޖައްސަވާފައެވެ.

މިއީ، ޙައްޖުގެ އެންމެހާ އިންތިޒާމްތައް ވިލަރެސްކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް ކަނޑައަޅާ، ޙައްޖު މިޝަންގެ ދަށުން މައްކާގައި ގާއިމުކުރާ އޮފީހެކެވެ.

މައްކާ ޙައްޖު އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް ހަމަޖައްސަވާފައިވާއިރު، ރާއްޖޭގެ ފަރާތުން އިޝް ޝައިޙެއްގެ ގޮތުގައި ޙައްޖުގައި ބައިވެރިވެ ވަޑައިގަންނަވާނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިންއެވެ.

ad