logo

އެމްޓީސީސީގެ ޓެކްސީ އެޕް އަންނަ ހަފްތާގައި ބޭނުންކުރަން ފަށަނީ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

އެމްޓީސީސީން ދެމުންގެންދާ ޓެކްސީ ލައިންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަން، އަންނަ ހަފުތާގެ ތެރޭގައި އާންމުންނަށް ބޭނުންކުރަން ފެށޭނެ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒާރާއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު ވިދާޅުވީ، އެޕްލިކޭޝަން ތައްޔާރުކޮށް ނިމި މިހާރު އެޕަލް ޕްލޭ ސްޓޯރުގެ އެޕްރޫވަލް ލިބިފައިވާ ކަމަށާއި، އަދި ގޫގްލް ޕްލޭސްޓޯރުގެ އެޕްރޫވަލް ހޯދުމުގެ މަސައްކަތްވެސް މިހާރު ހިނގަމުންދާކަމަށެވެ. އަދި އުއްމީދަކީ މިފެށޭ ހަފްތާތެރޭގައި މޮބައިލް އެޕްލިކޭޝަން ބޭނުންކުރަން ފެށުންކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިވަގުތު މި ޚިދުމަތް ދެމުންދަނީ ވެބް ބޭސްޑް އެޕްލިކޭޝަނެއްގެ ޒަރިއްޔާއިން ކަމަށްވީ ނަމަވެސް، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ސީދާ ބުކިން ހެދޭނެ އިންތިޒާމު ހަމަޖެހުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކްސީއަކަށް އެދި ގުޅާ ހިސާބުން ފެށިގެން ކާރު ލިބުމާ ހަމައަށް އެވްރެޖްކޮށް ހޭދަވަނީ 8 މިނެޓެވެ. އަދި ކޮންމެ ދަތުރެއްގެ ދިގުމިން އެވްރެޖްކޮށް 12.2 މިނެޓުގައި އުޅޭއިރު، ޚިދުމަތަށް އޮތް ޑިމާންޑް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެޕްރީލް 13 އިން 18 އަށް އެކަނިވެސް 11,128 ދަތުރު ކޮށްފައިވާކަން އެމްޓީސީސީން ފާހަގަކުރެއެވެ.

މީގެ އިތުރުން، ވެބް އެޕްލިކޭޝަން ލޯންޗުކުރި ފަހުން އެޕްރީލް 18 އިން މެއި 1 އާ ހަމައަށް 7,251 ދަތުރު ނަގާފައިވާ ކަމަށް އެމްޓީސީސީގެ ހިސާބުތަކުން ދައްކައެވެ. މާލޭގެ ދަތުރުތަކަށް ބަލާއިރު، ޚިދުމަތް ފެށީއްސުރެ ދަތުރުތައް ނަގާ މިންވަރު %50 އިތުރުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، މިމަހުގެ 2ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

ad