logo

ވިލިމާލޭގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރަން ބިންގާ އަޅައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ވިލިމާލޭގައި އިމާރާތްކުރުމަށް ނިންމި 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފިއެވެ.

ވިލިމާލޭގައި އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ކޮންސްޓްރަކްޝަން، ހައުސިން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިތުރުން ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމް އަދި އާރުސީސީގެ ޗެއާމަން ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލުން ވިލިމާލޭގައި ތަރައްޤީކުރާ މި 300 ހައުސިން ޔުނިޓް ހުންނާނީ، 17 ފަންގިފިލާގެ މައްޗަށް ބިނާކުރާ ތިން ޓަވަރެއްގައެވެ. މި މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނޭކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އާރުސީސީއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރެކްޝަން މަސައްކަތްކުރާ ތަޖުރިބާކާރު ކުންފުންޏެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދިއުމަށް މަގުފަހިވެގެން ދާނޭކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ރައްޔިތުންނަށް އަތް ފޯރާ ފަދަ އަގެއްގައި ބޯހިޔާވަހިކަން ލިބިގެންދާނޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ވިލިމާލޭގައި 300 ހައުސިން ހައުސިން ޔުނިޓް ތަރައްޤީކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ އެ އަވަށަށް ވަޑައިގެން ރައްޔިތުންނާ ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. މި މަޝްރޫޢު އިއުލާނުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ވިލިމާލޭގައެވެ.

ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ޖުމްލަ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫޢުއެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުތައް އިފްތިތާހްކޮށްފައިވަނީ، މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. ބީއެމްއެލުން ބުނެފައިވަނީ، މި މަޝްރޫޢުތައް ނިމުމުން ހުޅުމާލެ ފޭސް އެކެއް، ފޭއް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިން ޔުނިޓް ކުލިދައްކައި ހަލާސްކުރުމުން މިލްކުވާގޮތަށް ނިސްބަތުން ކުޑަ ކުއްޔަކަށް ދޫކުރާނޭކަމަށެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫޢު ތަކެއްކަމަށް ބީއެމްއެލުން ބުނެއެވެ.

ad