މާލޭ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ބޮޑުކުރަން ނޫޅޭ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
މާލޭ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް އެމްޕީއެލް އާއި ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ނުކުރާ ކަމަށެވެ.
އެމްޕީއެލް އިން ބުނީ އުޅަނދުތަކުން، ނަގާ ފީ ބޮޑުކުރުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަަމަށެވެ.
އެ ކުންފުނިން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫޢުއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލެ ނޯތު ހާބަރުގެ ހިދުމަތްތައް ފުޅާކޮށް "އޭ ޒޯން" ބޭނުންކުރާ އުޅަނދު ފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތްވެސް ފޯރުކޮށް ދިނުމަށް އަންގަވާފައި ކަމަށާ އެ ކުންފުނިން ދަނީ އެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ކަމަށެވެ.
އެމްޕީއެލުން އިތުރަށް ބުނީ އެ ކުންފުނީގެ އަމާޒަކީ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް އިއްޔެއިން ފެށިގެން ގެނައި ބަދަލުތަކުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.
މީގެ އިތުރުން މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ހާއްސަކޮށްފައިވާ މާލެ ނޯތު ހާބަރުގެ "ޑީ ޒޯން" އާއި "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގާކަން އެމްޕީއެލުން ވަނީ ފާހަގަކޮށްފަ އެވެ.

