ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަސްމަންޒުން، ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ދައްކުވައިދޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން މިފަދައިން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިފައިވާ ކުރިއެރުންތަކާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އިސްތިރާޖީ މިސްރާބު ބައްޓަންކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން އެސިސްޓަންޓް ކޮމިޝަނަރ މައުލޫމާތު ދެއްވިއެވެ.
އެގޮތުން، މަދަނީ ހިދުމަތެއްގެ ގޮތުގައި ވަކި މުއަައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުވުމާ ގުޅިގެން 2004 އިން 2007ވަނަ އަހަރާ ދެމެދު، ފުލުހުންގެ ހިދުމަތެއްގައި ހުންނަންވާނޭ ހުރިހާ ބަހާތަކެއް ހަމަކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު އަހަރުތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ފުލުހުންގެ ހިދުމަތަކީ ޒަމާނީ، ޕްރޮފެޝަނަލް އަދި ރައްޔިތުންނާ ގާތުން ދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިވާކަމީ، މި ހިދުމަތުން ހާސިލުކުރެވިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް އަދި ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ. “މިއީ ކުށްވިޔަ ނުދިނުމަށް ނުވަތަ ޕްރިވެންޓިވް ޕޮލިސިންގގެ ތެރެއިން ފުލުހުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް” ޝިފާން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތަކީ އަމިއްލަ ޓެކްނޮލިޖިކަލް އިންފްރާސްޓްރަކްޗަރ ސިސްޓަމެއް ގާއިމުކޮށް، އެ ވަސީލަތުގެ ތެރެއިން މުޖުތަމައަށް ހިދުމަތް ދެމުން ގެންދާ މުއައްސަސާއެއްކަމަށާއި ރައްޔިތުންނަށް ބޭނުންވާނޭ އެހީތެރިކަމާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުއައްސަސާތެރޭގައި ބޭނުންކުރެވޭ އުމްރާނީ ވަސީލަތްތަކަކީ އެންމެ އެކަށީގެންވާ، އަދާހަމަކޮށްފައިވާ ވަސީލަތްތަކަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް މި މުއައްސަސާއިން ކުރަމުންދާކަމަށް ވިދާޅުވިއެވެ.
އެގޮތުން، އަމިއްލަ ރޭޑިއޯ ސިސްޓަމް، އިންފޮމޭޝަން ކޮމިއުނިކޭޝަން ސިސްޓަމް، ކޭސް މޮޑިއުލްގެ އިތުރުން އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މުއާމަލާތްތައް ކުރުމަށް ސިސްޓަމްތައް ގާއިމުކުރެވި، އެ ސިސްޓަމްތަކުގެ ބޭނުންކުރަމުންދާކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމަކާއި އަވަސްކަމެއް ލިބިދީފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ތައާރަފުކޮށްފައިވާ ޕޮލިސް އެޕް މެދުވެރިކޮށް ފުލުހުންގެ ހިދުމަތް ހޯދުމަށް ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
“މި މުއައްސަސާގެ ފޯކަސް ހުރީ ދިވެހި ފުލުހުންގެ ހިދުމަތަކީ ދުނިޔޭގެ އެހެން ބޮޑެތި ފުލުހުންގެ މުއައްސަސާތައް އޮންނަ ބީދައިން ވަކި މޮޑެލްއެއް އޮވެގެން، އެ މޮޑެލްގެ ތެރެއިން ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ޔަގީންކަމާއި އިތުބާރާއެކު އަވަސް ހިދުމަތެއް ދެވޭނޭ ގޮތްތަކެއް ފަހިކުރުން. އަދި އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުން” އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން
ޝިފާން ވިދާޅުވީ، މިހާރު ދިވެހި ފުލުހުންގެ ހިދުމަތުގެ ގާތްގަނޑަކަށް 75 އިންސައްތަ މީހުންނަކީ ޒުވާނުންކަމަށާއި، މި ހިދުމަތަކީ ޒުވާނުންގެ ވިސްނުމާއި ތަސައްވަރުގެ މައްޗަށް ބިނާވެ، ޒުވާނުންނަށް ފަހި މުއައްސަސާ އެއްކަން ފެނިގެން ދާކަމަށެވެ.
އަދި ކުރިމަގުގެ ތަސައްވަރު ބައްޓަންކުރުމުގައި ވެސް ޒުވާނުންގެ ދައުރު ބޮޑު މުއައްސަސާއެއްގެ ގޮތުގައި ސިފަ ކުރައްވަމުން ވިދާޅުވީ ޒުވާނުން މި ހިދުމަތުގެ ތެރެއަށް އައިސް، މި ނިޒާމަކީ ޒުވާން، ހުނަރުވެރި، ޖޯޝް ހުރި ހިދުމަތެއްގެ ގޮތުގައި ތަރަށްގީކުރެވޭނީ މި ހިދުމަތުގެ އެކިއެކި ދާއިރާތަކަށް ޒުވާނުން ކުރިމަތިލައިގެންކަމަށެވެ. އަދި ޒަމާނީގޮތުން ވިސްނުންހުރި ކޮންމެ ޒުވާނަަކަށް ވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ތެރޭގައި ވަރަށް ފަހި ފުރުސަތުތަކެއް ހުރިކަމަށް ވިދާޅުވިއެވެ.

