logo

އަޟްޙާ ޢީދުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުން ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުތަކުގައި، އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމުގައި ފާހަގަ ކުރައްވާފައި ވެއެވެ. އަދި އެމަނިކުފާނާ އެކުގައި، ދިވެހި ސަރުކާރާއި، ރާއްޖޭގެ ރައްޔިތުންވެސް، އެޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކަށާ، އަޚްވަންތަ ރައްޔިތުންނަށް މިއުފާވެރި މުނާސަބަތުގެ ހެޔޮއެދުމާ ތަހުނިޔާ ފޮނުއްވާ ކަމުގައި ވިދާޅުވެފައި ވެއެވެ.

މި ޢީދާ ގުޅިފައިވާ ރޫޙާނީ މުހިއްމު ކަމުގެ މައްޗަށް ބައްލަވާ ލައްވައި، ޢީދާއެކުގައިވާ، އަޅުކަމުގެ އަގުތަކާ، ޤުރްބާން ކުރުމާ، އެއްބައިވަންތަކަމާ އަދި ރަޙްމަތުގެ ސަބަބުން، މުސްލިމު އުއްމަތުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިވެގެން ދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މަތިވެރި މުނާސަބަތުގެ ސަބަބުން، ދުނިޔޭގެ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކުގެ ޙާލަތު ދެނެގަތުމާ، އަޅާލުމާ، އަދި އެއްބައިވަންތަކަން ބަދަހިވެގެން ދިޔުމަށާ، ޙައްޖުގެ އަޅުކަން އަދާކުރަމުން ގެންދަވާ އެންމެހާ ޙައްޖާޖީންނަށް މަބްރޫރް ޙައްޖަކަށް އެދިވަޑައިގެން، އަމާންކަމާއި ސަލާމަތްކަން ދެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

މެސެޖުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމުތަކުގެ ލީޑަރުންނަށް، ދުޅަހެޔޮ ޞިއްހަތަކަށާއި ފާގަތިކަމަށް އެދިވަޑައިގެން، ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި، މި މުނާސަބަތުގައި އެބޭފުޅުންނަށް، އިތުރު ކުރިއެރުމާއި، އުފާވެރިކަން މިންވަރު ކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައި ވެއެވެ.

ad