logo

ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއްކޮށްލުން ހުއްޓުވަން އެމްޑީޕީން ހައި ކޯޓަށް ދަނީ

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމައި ރައީސް ޑރ.މުޙައްމަދު މުއިއްޒު ނެރުއްވި ގަރާރާއި ވޯޓަަށް އެހުމުގެ ފުރުސަތު ލިބޭ ގާނޫނު ބާތިލްކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ހައި ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.

ދެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އިސްލާހު މަޖިލީހުން މިހާރު އޮތީ ފާސްކޮށްފައެވެ. ނަމަވެސް، އެ އިސްލާހު ރައީސް ތަސްދީގުކުރައްވައި އަމަލުކުރަން ފަށާނީ، އެކަމާ މެދު ރައްޔިތުންގެ މެދުގައި ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކުން ތާއީދު ލިބިގެންނެވެ.

އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު، އިންތިހާބުތައް އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓު ނަގަން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމައި، އެކަން ވަނީ އިއުލާނުކޮށްފައެވެ. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އިންތިހާބުތައް އެއްކޮށްލުމަށް ގާނޫނަށް ގެނައި އިސްލާހާއި، އެކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުވެސް ގާނޫނާ ހިލާފު ކަމަށް ދެކޭތީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ޤާނޫނު އަސާސީއަށް ގެނެވޭ 8 ވަނަ އިސްލާހަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށާއި ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައީސް ނެރުއްވި ޤަރާރަކީ 8 ވަނަ އިސްލާހާ ހިލާފު ޤަރާރެއް ކަމަށެވެ. އަދި އެ މައްސަލައާމެދު ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދުމަށްވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މަޖިލީހަށް އިސްލާހު ހުށަހެޅި ހިސާބުން ފެށިގެންވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. ނަމަވެސް ދެ އިންތިހާބު އެކުގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން ބުނެއެވެ. ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަގެ އިންތިހާބާ އާއެކުއެވެ. ވޯޓު ގުނަން ފަށާނީ، ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުއެވެ. އަދި މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހުއެވެ.

ad