logo

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަނީ

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުދަދުވަހު ހުޅުވާލުމަށް ޤައުމީ އިނާމް ކޮމިޓީން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ، އަންނަ ބުދަ ދުވަހުން ފެށިގެން އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2.00 ގެ ނިޔަލަށް ކަމަށެވެ.

މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 'ފޯމު ހުށަހެޅުން' ޕޯޓަލް މެދުވެރިކޮށްގެންނެވެ. އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އެދިފައެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް މިއަހަރުވެސް ހުޅުއްވައިލެއްވުމަށް ނިންމަވައިފައިވަނީ، މައިގަނޑު 39 ދާއިރާއަކުން ކަމަށެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސާފައެވެ. ގައުމީ އިނާމު ދޭނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ މެއިމަހުގެ 6 ވަނަ ދުވަހު ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވާލާނޭކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ad