logo

ބާޒާރުމަތީ މަގުގައި ތާރައަޅާ ދެކޮޅަށް ދުއްވޭ ގޮތަށް އާންމުންނަށް ހުޅުވާލައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން
ބާޒާރުމަތީ މަގުގައި ތާރައެޅި ސަރަހައްދު އާއްމުންނަށް ހުޅުވާލުން

ބާޒާރުމަތީ މަގުގައި ތާރައެޅި ސަރަހައްދު އާއްމުންނަށް ހުޅުވާލުން

މާލޭ ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތި ހިމެނޭ ސަރަހައްދުގައި ތާރައަޅާ، މަގުގައި ދެކޮޅަށް ދުއްވޭ ގޮތަށް ހަދައި އާންމުންނަށް ހުޅުވާލައިފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރު ފެށޭ ހިސާބަށް ތާރު އެޅުމުގެ މަސައްކަތް މިދިޔަ ބުދަ ދުވަހު ވަނީ ނިންމާލާފައެވެ. އެގޮތުން އަލަށް ތާރު އަޅާފައިވާ ސަރަހައްދު، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި، ރޭ ފަތިހުން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. މި ބަދަލާއެކު، އެ ސަރަހައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން، އާންމު ދަތުރުފަތުރުތަަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.

undefined

އެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓް މަސައްކަތުގެ ދަށުން ހަތަރު ލޭން ތަރައްގީކޮށް ނިންމާލައި އާންމުންނަށް ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގައެވެ. އަދި ދެވަނަ ސެންގްމެންޓްގެ މަސައްކަތް މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދާ ހަމައަށް ފެށިއެވެ.

ބާޒާރުމަތީ މަގު އާންމުންނަށް ހުޅުވާލުމުގެ ކުރިން، ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެމްޓީސީސީ ގުޅިގެން އެ މަގުގައި ގަސް އިންދުމައި އެ މަގު ފެހިކުރުމުގެ ހަރަކާތެއް އިއްޔެ ހަވީރު ވަނީ ކުރިއަށްގެންގޮސްފައެވެ.

ބާޒާރުމަތީ ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް ސަރަހައްދު ކަމަށް ވާއިރު، މަގު ޒަމާނީ ފެންވަރަށް ތަރައްގީވުމުގެ ސަބަބުން އޮޑިދޯނިފަހަރާއި، ވިޔަފާރިންނަށާއި އަދި އާންމު ރައްޔިތުންނަށްވެސް މުދާ އުފުލާ ބޭލުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ. އަދި މަގު ފުޅާވުމުގެ ސަބަބުން މަގު ތޮއްޖެހި ޓްރެފިކް ބާރު ބޮޑުވުމުގެ ފުރުސަތު ކުޑަވާނެއެވެ.

ad