ޣައްޒާ ސިޓީގެ ތަލް އަލް-ހަވާ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި ކުޑަކުދިންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދިޔަ ވޭނަކަށް އިސްރާއީލު ސިފައިން ދިން ޑްރޯން ހަމަލާއެއްގައި ތިން މީހަކު ޝަހީދުވެއްޖެއެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، ހޮނިހިރު ދުވަހު އަލް-ސިނާއާ މަގުގައި ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ ގެދޮރު ގެއްލިފައިވާ ކުޑަކުދިންނަށް ކާއެއްޗެހި ބެހުމަށްޓަކައި އެ ވޭން މަޑުކޮށްލި ވަގުތުގައެވެ.
މި ހާދިސާގެ އިތުރުން، އުތުރު ޣައްޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕް ކައިރީގައި ހުންނަ ހަލާވާ ޑިސްޕްލޭސްމަންޓް ކޭމްޕުގައި ހުރި ފަލަސްތީނު ރައްޔިތެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ވަނީ ޝަހީދުކޮށްލާފައެވެ.
އަދި ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދުގައި ކަރަންޓު ބައިސްކަލެއްގައި ދަތުރުކުރަމުންދިޔަ ޒުވާނަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ތިން މީހަކު ބޮޑެތި ޒަޚަމްތަކަކާއެކު ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ވަނީ ގެންގޮސްފައެވެ.
ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 600 އަށްވުރެ ގިނަ އަމަލު ހިންގާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި 1,600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖުމްލަ އަދަދު ވަނީ 74،736 އަށްވުރެ މައްޗަށް އަރާފައެވެ.

