logo

ރަސްމާލެ މަޝަރޫޢާމެދު ރައްޔިތުންގެ ވޯޓެއްނަގަން އެމްޑީޕީއިން ގޮވާލައިފި

މަޒީ
8 ގަޑިއިރު ކުރިން

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި މާލެ އަތޮޅު ފުށިދިއްގަރުފަޅު ހިއްކައިގެން ހިންގާ "ރަސްމާލެ" މަޝްރޫއުން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޭން ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް، އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމަށްފަހު، އެ ތަނުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިނުމަށް އެއްބަސްވެފައިވާ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ.

އެހެން ނަމަވެސް، އަބޫދާބީގެ އީގަލް ހިލްސްއަށް ފުށިދިއްގަރުފަޅުގެ ބޮޑު ބައެއް ދިނުމަށް ހިންގާ މުއާމަލާތުގައި ސަރުކާރުން މިހައިތަނަށް އަމަލުކުރަމުންދާ ގޮތުން، އެ ޕާޓީގެ ކަންބޮޑުވުންތަކެއް ހުރިކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި އެކަމުގައި ފައިނަލް ނިންމުމެއް ނިންމުމުގެ ކުރިން ރައްޔިތުންގެ ސީދާ ވޯޓެއް ނެގުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މީގެއިތުރުން އީގަލް ހިލްސް އިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުން ހާމަކުރި ވާހަކަތަކާ ދިމާނުވާ އެތައް ކަމެއް ހުރުމާއެކު، މައުލޫމާތު ހާމަކުރަން ސަރުކާރުން ފަސްޖެހުމަކީ ވަރަށް ނުރައްކާތެރި ކަމުގެ ނިޝާނެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން އެމްޑީޕީން ވަނީ، ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހިންގާ އެއްވެސް މުއާމަލާތެއްގެ ސަބަބުން، މުސްތަގުބަލުގައި ދިވެހި ބިމުގެ މައްޗަށް ބިދޭސީންގެ ދާއިމީ މިލްކުވެރިކަމުގެ ހައްގެއް އުފަންވެދާނެފަދަ އެއްވެސް ކަމެއްވެސް ހިމެނިފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްދިނުމަށްވެސް އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވެއެވެ.

ad