ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިންގައި ބެލެހެއްޓުމަށް ޓަކައި ސަރުކާރުގެ ފަރާތުން ”ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު“ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.
ސަރުކާރުން މި ބިލު ހުށަހެޅުއްވީ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އެންމެހައި ކަންކަން ހިންގުމަށް ޓަކައި ”މޯލްޑިވްސް އިމިގްރޭޝަން“ގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ޤާއިމުކުރުމާއި އަދި ހަރުދަނާ، ދެފުށް ފެންނަ، ޖަވާބުދާރީކުރެވޭ ނިޒާމެއްގެ ދަށުން އެ ޚިދުމަތް ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމުގެ ބޭނުމުގައެވެ.
މީގެއިތުރުން، ދިވެހިރާއްޖެއަށް މީހުން އެތެރެވުމާއި ރާއްޖެއިން ފުރުމުގެ ޢާންމު އަދި ޚާއްޞަ އުސޫލުތައް ކަނޑައެޅުމާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ހުޅުވާލެވޭ ވައިގެ އަދި ކަނޑުގެ ބަނދަރުތަކުގައި އިމިގްރޭޝަންގެ ޚިދުމަތް ދިނުމުގެ އެންމެހައި އިންތިޒާމުތައް ހަރުދަނާކުރުން މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބިލުގައި ދިވެހި ރައްޔިތުންނަށް ޕާސްޕޯޓާއި ދަތުރުފަތުރުކުރުމަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ދޫކުރުމާއި، އެ ލިޔެކިޔުންތައް ބޭނުންކުރުމާ ގުޅޭ ހަރުދަނާ މިންގަނޑުތަކެއް ބަޔާންކޮށްފައިވާއިރު، ބިދޭސީން ރާއްޖެއަށް އައުމާއި ރާއްޖޭގައި ތިބުމުގެ ހުއްދަ ދިނުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ހުއްދަނެތި ރާއްޖެއަށް އެތެރެވާން އުޅޭ ބިދޭސީން ވަގުތުން އަނބުރާ ފޮނުވާލުމުގެ އުސޫލުތަކާއި، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ނުވަތަ ޤާނޫނާ ޚިލާފުވާ ބިދޭސީން ޑީޕޯޓްކުރުމުގެ ހަރުކަށި އިޖުރާއަތުތައް މި ބިލުގައި ހިމަނާފައިވާ އިރު ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް ވަނީ ތަފްސީލުކޮށް ބަޔާން ކޮށްފައެވެ.
އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެވުން މަނާ ފަރާތްތައް ކަނޑައަޅާފައިވީ ނަމަވެސް، އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކޮށްފައި އޮންނަނީ ވަކި ހާލަތްތަކަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. ނަމަވެސް އަލަށް މަޖިލީހަށް ހުށަހެޅި މި ބިލުގައި އެ އުސޫލު ވަނީ ބަދަލުކޮށްފައެވެ.
މި ބިލުގައި ވަކި ހާލަތަކަށް ރިޢާޔަތްކުރުމެއް ނެތި، އެއްވެސް އިސްތިސްނާއެއް ނެތި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖެއަށް އެތެރެނުވެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ ސަރުކާރުން އިޒްރޭލާ ދެކޮޅަށް އަޅަން ނިންމާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ބާރުދިނުމުގެ ގޮތުން ގެނައި މުހިންމު ބަދަލެކެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ކަމާބެހޭ ވަޒީރަށެވެ. މީގެއިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް ސާފުކޮށް މި ބިލުގައި ވަނީ ތަރުތީބުކޮށް ހާމަކޮށްފައެވެ.
އަދި އިމިގްރޭޝަންގެ ޚިދުމަތް ޒަމާނީ ފެންވަރަކަށް ގެންދިއުމަށްޓަކައި، އިމިގްރޭޝަންގެ އޮފީސްތައް އިތުރަށް ތަރައްޤީކުރުމާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކުރުމާއި، އަދި އިމިގްރޭޝަންގެ މުވައްޒަފުން ފަންނީ ގޮތުން ތަމްރީނުކޮށް ހުނަރުވެރި ކުރުމާ ގުޅޭ ޚާއްޞަ މާއްދާތަކެއްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

.webp&w=3840&q=75)