logo

މި އަހަރުގެ މޭ މަހު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ބަލައިގަނެ، 2.7 މިލިއަން ރުފިޔާ ބަހައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

މި އަހަރުގެ މޭ މަހު ޒަކާތު ފަންޑަށް 7.59 މިލިއަން ރުފިޔާ ބަލައިގަނެ، އެ ފަންޑުން 2.7 މިލިއަން ރުފިޔާ ބަހައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް 2026ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވަނީ ޖުމުލަ 7,587,956.14 ރުފިޔާއެވެ. އަދި މި އަހަރުގެ މޭ މަހުގެ ތެރޭގައި ޒަކާތު ފަންޑުން އެހީތަކަށާއި މަޝްރޫއުތަކަށް ދޫކޮށްފައިވަނީ ޖުމުލަ 2,685,834.30 ރުފިޔާއެވެ.

2026ވަނަ އަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ މޭ މަހު ލިބިފައިވަނީ 4.33 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 75.3 އިންސައްތައިގެ އިތުރުވުމެކެވެ.

ޒަކާތް ދެއްކި މިންވަރު އިތުރުވުމަކީ ޒަކާތުގެ މުހިންމުކަމާއި، ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް އާންމުން ހޭލުންތެރިވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.

ފަގީރުންނާއި މިސްކީނުންނަށް ދިން އެހީ:

މޭ މަހު އެންމެ ބޮޑު ޢަދަދެއް ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެއީ 1,483,960.50 ރުފިޔާއެވެ.

މީގެ ތެރޭގައި ހިމެނެނީ:

  1. ބޭސްފަރުވާގެ އެހީއަށް ބޭނުންވި ފަރާތްތަކަށް ދޫކުރި 1,452,960.50 ރުފިޔާ.
  2. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ފަރާތްތަކަށް ދޫކުރި 31,000.00 ރުފިޔާ.

މި މަހު ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށެވެ.

ފީސަބީލިﷲ މަޝްރޫއުތަކަށް ދިން އެހީ:

ތައުލީމީ، ދީނީ އަދި އިލްމީ މަސައްކަތްތަކަށް ފީސަބީލިﷲ ބައިން ޖުމުލަ 1,037,236.42 ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ:

  1. ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް 753,239.02 ރުފިޔާ.
  2. އިސްލާމީ ފޮތްތަކާއި ތައުލީމީ ތަކެތި ތަރުޖަމާކުރުމަށް 246,989.40 ރުފިޔާ.
  3. މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް އެހީތެރިވުމަށް 37,008.00 ރުފިޔާ.

މި މަސައްކަތްތަކަކީ އިސްލާމީ އިލްމު ކުރިއެރުވުމަށާއި، ތައުލީމަށް އެހީތެރިވުމުގެ އިތުރުން ދީނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކެކެވެ.
undefined

މި ހިސާބުތަކަކީ ފިނޭންސް މިނިސްޓްރީގެ އެސް.އޭ.ޕީ (SAP) ސިސްޓަމްގައިވާ ޒަކާތު ފަންޑަށް ލިބުނު ފައިސާއާއި ހޭދަތަކުގެ ރެކޯޑުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހިސާބުތަކެކެވެ. އަދި ފަހުން ލިބޭ މަޢުލޫމާތުތަކާއި އިތުރުވާ އެންޓްރީތަކާ ގުޅިގެން މި ހިސާބުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

ad