logo

ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ސްޓެލްކޯއަށް ހަވާލުކޮށްފި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯ އިން ހަވާލުވުމުގެ ގޮތުން އެ ކުންފުންޏާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ.

ސްޓެލްކޯ އިން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން އެމަޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ އެޗްޑީސީން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހަމައެއާއެކު، ސްޓެލްކޯގެ ފަރާތުން ވަނީ އެޗްޑީސީއަށް އަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފައެވެ.

މާލެ ސަރަޙައްދުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ކުންފުނިން ހިދުމަތް ދެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ވެސް ބުރަ މަސައްކަތެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

View post on Twitter

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވިއިރު، މިއީ މިވަގުތު މާލެ ސަރަހައްދުގައި އެންމެ ގިނަ ބަޔަކު އަލަށް އާބާދުވަމުންދާ ސަރަހައްދެވެ. ޚާއްޞަކޮށް ހިޔާ ފްލެޓުތަކާއި ފަހި ފްލެޓުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާތީ، ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ.

މާލެ ސަރަޙައްދުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ވަނީ ނިންމާލާފައެވެ. މި އަޕްގްރޭޑާއެކު އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމުގެ ފުރުސަތު ލިބި، ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަވެގެންދާނެއެވެ.

ad