logo

ބީއެމްއެލް އިން މިއަހަރުގެ 'ބޭންކް ފަންޑް' ލިބޭ ޖަމިއްޔާތައް ހޮވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްއިން، މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަޤްޞަދުގައި ބޭންކުން ހިންގާ ހިލޭ އެހީގެ ފަންޑެކެވެ.

މި އަހަރުގެ ބޭންކް ފަންޑަށް ހޮވުނު ޖަމިއްޔާތަކާއި މަޝްރޫޢުތަކަކީ:

ދިއްދޫ ކުރިމަގު: ހއ. ދިއްދޫގައި 'ހައިވް' ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ޚާއްޞަ މަރުކަޒެއް ގާއިމުކުރުން. މިއީ ޑިޖިޓަލް ތަޢުލީމާއި، އައު އީޖާދުތަކާއި، އިޖުތިމާޢީ އެކި ހަރަކާތްތަކަށް ޚާއްޞަ މަރުކަޒެއް.

ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ށ. ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަޙައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްޤީކުރުން. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމަޢުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެއް.

ލާމު ފާމަރސް އެސޯސިއޭޝަން: ލ. ފޮނަދޫ އަދި ލ. ގަމުގައި 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް' ގާއިމުކުރުން. މިއީ ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫޢެއް.

ބްލޫ ގިލްޑް ފައުންޑޭޝަން: ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ ހުނަރު ތަރައްޤީކުރުމަށް 'މޭކަރ ސްޕޭސް' އެއް ގާއިމުކުރުން. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެއް.

ކަލައިދޫ ވިންގްސް: ލ. ކަލައިދޫ ބަނދަރުގައި 'ކަލައިދޫ ވިންގްސް ހިޔާ' ތަރައްގީކުރުން. މިތަނުގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ގާއިމްކުރުމާއި، ފާޚާނާއާއި، ކުޑަ ލައިބްރަރީއެއްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑެއްވެސް ބެހެއްޓުމަށްވަނީ ހަމަޖެހިފައި.

'ބޭންކް ފަންޑް' އަކީ ބޭންކަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ފާހަގަކޮށްލެވޭ ފަސް މަޝްރޫޢެއް ހޮވައި، ކޮންމެ މަޝްރޫޢަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދޭ ފަންޑެކެވެ. ބީއެމްއެލްގެ އަމާޒަކީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެއްބާރުލުން ދިނުމެވެ. ބޭންކުން އަންނަނީ މުޖުތަމަޢުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް މުހިންމު އަހުމިއްޔަތުކަމެއް ދެމުންނެވެ. މިހާތަނަށް ބޭންކް ފަންޑްގެ ދަށުން މިވަނީ 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބޭންކުން ކުރިން ހިންގި ކޮމިއުނިޓީ ފަންޑްގެ ދަށުން 100 ޕްރޮޖެކްޓަކަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ad