logo

ދ.ކުޑަހުވަދޫގެ އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަން ފަށައިފި

މަރްޔަމް
9 ގަޑިއިރު ކުރިން

ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކޮށް އަޕްގްރޭޑް ކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށްޓަކައި ބަހައްޓަންޖެހޭ ކޮންކްރީޓް ބްލޮކްތައް ޖެހުމުގެ މަސައްކަތް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ޖުމްލަ 28 އިންސައްތަ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 އޯގަސްޓް 2023 ގައެވެ. މި މަޝްރޫޢަކީ ކުޑަހުވަދޫގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށްޓަކައި ލަފާފުރުމުގެ ދަތިކަން ޙައްލުކޮށް، ޒަމާނީ ފެންވަރަކަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 882 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ޕްރީކާސްޓް އެލް-ބްލޮކް ބޭނުންކޮށްގެން 372 މީޓަރުގެ އެއްގަމުތޮށްޓެއް ލުން ހިމެނެއެވެ. މީގެއިތުރުން، ބަނދަރަށް ވަދެނިކުމެ އުޅޭ އުޅަނދުފަހަރަށް ފަސޭހަކުރުމަށްޓަކައި މިހާރު އޮތް ބަނދަރާއި އަލަށް އިތުރުކުރެވޭ ބަނދަރުގެ ފަޅު ފުންކުރުމާއި، ނެރު ފުންކުރުމުގެ ގޮތުން ޖުމްލަ 108،667 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމުގެ މަސައްކަތް ހިމެނެއެވެ.
ހަމައެއާއެކު، ބަނދަރުގެ ޚިދުމަތްތައް ފުރިހަމަކުރުމަށްޓަކައި 2،265 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 90 މީޓަރުގެ ޖެޓީއަކާއި 70 މީޓަރުގެ ބްރިޖެއް އެޅުމުގެ އިތުރުން އެކްސެސް ޕްލެޓްފޯމާއި، ރޭމްޕް އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް މި ޕްރޮޖެކްޓުގެ ސްކޯޕްގައި ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމުން، ކުޑަހުވަދޫގެ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބި، ރަށުގެ ވިޔަފާރިއާއި އިޤްތިޞާދަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ރައްޔިތުންގެ ބޭނުމަށް ބަނދަރު ހުޅުވާލުމަށެވެ.

ad