logo

މި އަހަރުގެ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2026ގެ ފުރަތަމަ ސެޝަންގެ ޕެނަލިސްޓުން އިޢުލާންކޮށްފި

މަޒީ
ދުވަހެއް ކުރިން

މި އަހަރުގެ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2026ގެ ފުރަތަމަ ސެޝަންގެ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފިއެވެ.

މި ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޑިރެކްޓަރ ޖެނެރަލް ސުނީތާ ޢަބްދުﷲ އާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ އަދި ޑިރެކްޓަރ އޮފް ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަޙްމަދު އަސްލަމްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންކްލޫޝަން ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރ ތާއިފް އަޙްމަދު ރުޝްދީއެވެ.

'ނާޒުކު ޙާލަތަށް ވާޞިލުކޮށްދޭ ކަންކަމުގެ ސިލްސިލާ ދެނެގަތުން: މާލީ ދަތިތަކުން އިޖުތިމާއީ އެކަހެރިކަމަށް ވާޞިލުވާ ގޮތް ދިރާސާކުރުން' މި ނަމުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ސެޝަންގައި، ކުއްލި ގޮތަކަށް ދިމާވާ ޞިއްޙީ ޙާލަތްތަކާއި، ދަރަނީގެ ދަންތުރަ ފަދަ ކަންކަމުގެ ސަބަބުން މެދުފަންތީގެ ޢާއިލާތައް ފަޤީރުކަމުގެ ތެރެއަށް ގެނބިގެންދާ ސަބަބުތަކާ މެދު، އިޖުތިމާއީ، އަދި އިޤުތިޞާދީ މާހިރުންގެ މެދުގައި މަޝްވަރާކުރެވޭނެއެވެ.

މި މަޝްވަރާތައް މޮޑެރޭޓްކުރައްވާނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޒަކާތު ޢާމިލް، މަރިޔަމް މާޝާ މުޞްޠަފާއެވެ.

އެކި ދާއިރާތަކުގެ ތަފާތު ތަޞައްވުރުތައް އެއްތަންކޮށްދޭ މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މާލީ ދަތިކަމާއި އިޖުތިމާޢީ ނާޒުކުކަމާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ. އަދި މާލީ ދަތިތައް ތަޙައްމަލުކުރަމުންދާ ފަރުދުންނާއި އާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމުގެ މުހިންމުކަން މި ސެޝަންގެ ޒަރީއާއިން ހާމަކޮށްދޭނެއެވެ.

މި ކޮންފަރެންސްގެ މަޤުޞަދަކީ ޒަކާތާއި އިސްލާމީ އިޖުތިމާޢީ މާލިއްޔަތާ ގުޅުންހުރި މިޒަމާނުގެ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް ޢިލްމު ބަދަލުކުރުމަށް ބާރުއެޅުމެވެ. މީގެ ތެރޭގައި ނާޒުކު ހާލަތްތަކަށް ހައްލު ހޯދުމާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ވިލުންތެރިކަން ވަރުގަދަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިމެނެއެވެ.މި ސެޝަނަކީ އިންޒެކް 2026ގެ ތެރެއިން ކުރިއަށްގެންދެވޭ ސެޝަނެކެވެ.

އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ދުވަހުގެ ހެނދުނު 8:30އިން ރޭގަނޑު 7:00އަށް، މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައެވެ.

ad