އެސްޓީއޯއިން ހިންގަމުންދާ ފާމަސީތައް އިންވެންޓްރީގެ މަސައްކަތްތައް ކުރުމަށް މިއަދުން ފެށިގެން 3 ދުވަހަށް ބަންދުވާނެކަމަށް އެކުންފުނިން ބުނެފިއެވެ.
އެސްޓީއޯ ހެލްތް ކެއާ އިން ރޭ ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުން އައި ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޑެޓްގެ ދަށަށް ބަދަލުކުރަން މި މަހުގެ 24, 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދަން ފާމަސީތައް ބަންދުގވާނެ ކަމަށެވެ.
ނަމަވެސް އިމާޖަންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސް ފިހާރަތައް އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހު ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފަރމާގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު އެ ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ވަނީ ހުޅުވާފައެވެ.
ބޭސްފިހާރަތަކާ ހަވާލުވާއިރު ބޭސް ފިހާރުތަކުގައި ހުރި ސްޓޮކް އެނގޭނެހެން އެކަމަށް ބޭނުންވާ ސިސްޓަމް އިންސްޓޮލޭޝަން މަސައްކަތް ޖުލައި މަހުގެ ކުރިއަށް ނިންމާލެވޭނެ ކަމަށް ސްޓޭޓް ފަރމާއިން ވަނީ ބުނެފައެވެ.
ސްޓޭޓްފާމާގެ މައިގަނޑު އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ދައުލަތުގެ ބޭސް ކުންފުނިން ދަނީ މިހާރުވެސް ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމަށް ޚާއްސަ ހޮޓްލައިން ނަންބަރު 1050 ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.

