ދިވެހި ތާރީޚު ދެކެފައިނުވާ ދަރަޖާގައި ރައްޔިތުންގެ ބައިވެރިވުމާއެކު ކަސްތޮޅުތަކުން ޤައުމު މިނިވަންކޮށް، އާންމު އިޖުތިމާޢީ ކަންކަމާ ގުޅުންހުރި އެކި ދާއިރާތަކުން ޤައުމަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމުގެ ތަޞައްވުރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހިއްސާކުރައްވައިފިއެވެ. މިކަން އެމަނިކުފާނު ހިއްސާކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ކުރިއަށްގެންދެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެއްޓެވީ، މިއަދުގެ ރަސްމިއްޔާތުގައި ޢިއްޒަތާއި ޝަރަފުގެ އެކި އިނާމުތައް ޙާޞިލުކުރެއްވި ބޭފުޅުންނާއި ގިނަ ދުވަހު ދަޢުލަތަށް ޚިދުމަތް ކުރެއްވި ބޭބޭފުޅުންގެ އަގު ވަޒަންކުރައްވައި، އެ ބޭފުޅުންނަށް މަރުޙަބާ ދަންނަވަމުންނެވެ. އަދި މިނިވަން ދުވަހެއްގައި މިފަދަ އިނާމުތަކެއް އެރުވުމުގެ މަޤްޞަދުވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ބަޔާންކޮށްދެއްވިއެވެ. އެގޮތުން، އެ ބޭބޭފުޅުން ގެންގުޅުއްވި މަސައްކަތުގެ އަޚްލާޤަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ފުންކޮށް ވިސްނަންޖެހޭ ކަމެއްކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެ ބޭފުޅެއްގެ އަގުވަޒަންކުރެވިގެންދިޔަ ހަމަކޮންމެ ބޭފުޅަކީވެސް، އެ ބޭފުޅެއްގެ މަސައްކަތުގެ ޙަޔާތްޕުޅުގައި ވަރަށް މަތިވެރި ސިފަފުޅުތަކެއް އެބޭބޭފުޅުންގެ ފަރާތްޕުޅުން ފެނިފައިވާ ބޭބޭފުޅުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަމާއި، މުރާލިކަމާއި، އިޚްލާސްތެރިކަމާއި، ކެތްތެރިކަމާއި، ކަމަށް ކަމޭހިތުމުގެ މަތިވެރި ސިފަތައް އެބޭބޭފުޅުންގެ ކިބައިގައި އަށަގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޤައުމުގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު، އެކަން ހިނގާފައިވަނީ މި ދެންނެވުނު ސިފަތައް ނެތް ދިވެހީންތަކެއް އެކަމުގެ އަޑީގައި ބައިވެރިވެގެން ކަމަށާ، އެ މިނިވަންކަން އަނބުރާ ހޯއްދަވާދެއްވި ކޮންމެ އަބުޠާލެއްގެ ކިބައިން ފެނިގެންދިޔައީ މި ދެންނެވި ސިފަތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކަންމިހެން އޮތްއިރު، ކޮންމެ މީހެއްގެ އަމަލުތަކުގައި މި ސިފަތައް އަށަގެންނެވުމުގެ ޢަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.
ޤައުމުގެ ކަންކަން ނިންމުމުގައި މިފަދަ ބޭބޭފުޅުންގެ ލަފާފުޅުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ބޭބޭފުޅުން ހިމަނުއްވައިގެން، ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާނެ މަޝްވަރާ މަޖިލީހެއް ދާދިއަވަހަށް އުފައްދަވާނެކަމުގެ ޚަބަރު ދެއްވާފައެވެ. އަދި ދާއިރާގެ ތަޖުރިބާކާރުންނާއި ޢިލްމީ ބޭބޭފުޅުން ހިމަނުއްވައިގެން، ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޤައުމީ މަޖިލީހެއްވެސް އެކުލަވާލައްވާނެކަމުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުންވެސް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، ޤާނޫނު ހެދުމުގެ ދާއިރާގައި ޒުވާނުންނާ އަންހެނުންގެ ހިއްސާ މިހާރަށްވުރެ އިތުރުކުރުމަށް، ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިނިވަންކަމަކީ އޭގައި ފުންމާނައެއް އެކުލެވޭ ކަމެއްކަން ފާހަގަކުރައްވާ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އާންމު އިޖުތިމާޢީ މިނިވަންކަމާއި، އިޤްތިޞާދީ މިނިވަންކަމާއި، ތަރައްޤީއާއި ތަމައްދުނުގެ މިނިވަންކަން ގުޅިލާމެހިގެން މެނުވީ ޙަޤީޤީ މިނިވަންކަން އިޙްސާސް ނުކުރެވޭނެކަމުގައި ވިދާޅުވެފައެވެ. މި މޭރުމުން އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ އާންމު އިޖްތިމާޢީ ކަންކަމާއި، އިޤްތިޞާދީ އަދި ތަރައްޤީގެ މިނިވަންކަމާ ގުޅިފައިވާ ކަންކަމުގައި އަދުގެ ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކާއި، ކުރިއަށް އޮތްތަނުގައި ހާސިލުކުރައްވަން ކަނޑައަޅުއްވާފައިވާ އަމާޒުތަކުގެ ތަސައްވުރު ހިއްސާކުރައްވާފައެވެ.
ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަދުގެ ސަރުކާރަކީ ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް، ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދަވާ، އަމަލީ ގޮތުން އެތަންތަން ރައްޔިތުންނާ ހަވާލުކުރައްވާނެ ފުރަތަމަ ސަރުކާރަށް ވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ހަމަމިއާއެކު، އިޤްތިޞާދީ އަދި ސިނާޢީ މިނިވަންކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމުގައި ހުރި ހުރަސްތައް ނައްތަވާލައްވައި، އެކަސްތޮޅުތަކުން ޤައުމު މިންޖުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، 2027 ވަނަ އަހަރުގެ ނޮވެމްބަރ 11 ވެގެންދާނީ، ސައްތަ އިންސައްތަ ސަރުކާރުގެ ހިއްސާއާ ކޮންޓްރޯލް އޮންނަ ގޮތަށް، މާލޭ ވިޔަފާރި ބަނދަރު، ކ.ތިލަފުއްޓަށް ބަދަލުކުރެވި، ދިވެހި އިޤްތިޞާދު އިތުރަށް ފުޅާކުރެވިގެންދާނެ ދުވަހަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިއެވެ.
މީގެ އިތުރުން، 2028 ވަނަ އަހަރުގެ ޖުލައި 26 އާ ބައްދަލުކުރާއިރު، ތަރައްޤީއާއި ތަމައްދުނު ހާސިލުކުރެވިފައި އޮންނަ ގޮތުގެ ތަފްސީލީ ތަސައްވުރެއްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދު ވަނީ ހިއްސާކުރައްވާފައެވެ.

.jpg&w=256&q=75)
