ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑިފައިވަތީ އެރަށަށް ބޭނުންވާ އެހީ ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެރަށަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
ކޮލަމާފުށީގެ 40 އަށް ވުރެ ގިނަ ގެއަށާއި އެ ރަށު ޞިއްޚީ މަރުކަޒަށް ވެސް ފެންވަދެފައިވާއިރު، ސިފައިންނާއި ފުލުހުންނާއި ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން ރަށުތެރޭގައި ހެދިފައިވާ ފެންގަނޑު، ރަށުގެ އެކި ސަރަޙައްދުތަކުން ކޯރު ކަނޑައިގެން ރަށުތެރެއިން ބޭރުކޮށް ފެންހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފެން ހިންދުމަށް އިތުރު އެހީތެރިކަން ފޯރުކޮށް ދިނުމަށް ޕަންޕާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑުން އެރަށަށް ދިޔައީ މިރޭ 21:40 ހާއިރު ކަމަށް އެންޑީއެމްއޭއިން ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.
މެޓް އޮފީހުންވަނީ މުޅި ހުވަދު އަތޮޅަށް ރީނދޫ އެލަރޓް ނެރެފައެވެ.



