logo

މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު 20 ރުފިޔާއަށް

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

މިފްކޯއަށް މިއަދު މަސް ގަންނަނީ ކިލޯއެއް 20 ރުފިޔާއަށް ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިދުވަސްވަރު މަސްވެރިންގެ އަތުން މަސްގަންނަ އަގުތަކަށް ހެޔޮބަދަލެއް އަންނަމުންދާނެކަމަށް މިފްކޯއިންވަނީ ބުނެފައެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް މިދުވަސްވަރު، މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއާއެކު މިފްކޯއިން ވަނީ މިހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ފަށާފައެވެ.

މިފްކޯ އިން ބުނީ އެ ކުންފުނީގެ މަސް ގަންނަ ބަނދަރުތަކުން މިއަދު ކަޅުބިލަމަސް ކިލޯއެއް ގަންނާނީ 20 ރުފިޔާއަށް ކަމަށެވެ. މިފްކޯ އިން ކުރިން 17 ރުފިޔާއަށް ގަންނަމުންދިޔަ ކަޅުބިލަމަސް ކިލޯއެއްގެ އަގު މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ވަނީ 18.50 ރުފިޔާ އަށް ބޮޑުކޮށްފައެވެ.

ކަޅުބިލަ މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

މިފްކޯއަށް މިހާރު ކަނޑުމަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާއެވެ. އެހެންވެ، 16 ރުފިޔާއަށްވުރެ ދަށް ނުވާހެން ކޮންމެ ދުވަހަކު ވެސް މަސް ލިބޭ މިންވަރާއި އަގުތަކަށް ބެލުމަށް މިފްކޯއިން މަސް ގަންނަ އަގަށް ބަދަލު ގެނެއެވެ.

މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް ކަންނެލި ގަންނަ އަގަށް ބަދަލު ގެނެސްފައެއް ނުވެއެވެ.

އެ ގޮތުން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ކަމަށްވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަނެފައިވަނީ 25 ރުފިޔާއަށެވެ.

ad