logo

ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަންގެ މަސައްކަތް ފަށައިފި

އާމިނަތު މޫސާ
ދުވަހެއް ކުރިން

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަން މަސައްކަތް ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ވާނަމަ، އެކަން އެޕްލިކެންޓަށް އަންގާނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް އެ މައުލޫމާތެއް ސާފުކޮށްދިނުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ހާއްސަ ހެލްޕް ޑެސްކަކާއި ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފައެވެ. އެގޮތުން، ކޯލް ސެންޓަރުގެ ނަންބަރު 900-4004 މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށް މި ހިދުމަތްތައް ލިބެމުންދާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ސަރުކާރުން ހުޅުވާލި މި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހަޅާފައިވާ 22،575 ފޯމެވެ.

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ހުރިހާ ރައްޔިތުންނަށް މި ދައުރުގެ ތެރޭގައި ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. އަދި މި މަޝްރޫއުގެ ދަށުން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާނު ކުރައްވާފައެވެ.

ad