ތިލަމާލެ ބްރިޖު މަޝްރޫއުގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.
ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ތިލަމާލެ ބްރިޖުގެ މުޅި މަޝްރޫއުގެ މަސައްކަތުގެ %74.90 މިހާތަނަށް ނިމިފައިވާ ކަމަށެވެ.
މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ، ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. ބްރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން %90.4 ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. މީގެ ތެރެއިން %72.9 ސެގްމަންޓް، ބްރިޖުގެ ތަނބުތައް ގުޅާލުމަށް ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ.
އެ ވުޒާރާއިން ބުނީ، ގުޅިފަޅުގައި ބްރިޖާއި ގުޅިފައިވާ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރެވެމުންދާއިރު، ތިލަފުށީގައި ބްރިޖާއި ގުޅިގެން ޖަހަންޖެހޭ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަަަމަށެވެ.
އެކި ސަބަބުތަކާ ހުރެ ބުރިޖުގެ މަސައްކަތް ލަސްވި ނަމަވެސް، ސަރުކާރުގެ މިހާރުގެ އަންދާޒާއަކީ 2027ވަނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫޢުގެ މަސައްކަތް ނިންމުމެވެ.
ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ބުނެއެވެ.
ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.
މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާނެއެވެ. އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ، އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. އަދި މި މަޝްރޫޢަށް ދިވެހި ސަރުކާރުންވެސް ޚަރަދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ތިލަމާލެ ބުރިޖުގެ މަސައްކަތް ފެށީ، 2022ވަނަ އަހަރުއެވެ.

