logo

ކައުންސިލްތަކަށް އިންތިހާބުވި ކައުންސިލަރުން ހުވައިކޮށްފި

އާމިނަތު މޫސާ
17 ގަޑިއިރު ކުރިން

ލޯކަލް ކައުންސިލްތަކަށް އިންތިހާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިހާބުވި މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް ބާއްވަން ފަށައިފިއެވެ. މި ރަސްމިއްޔާތުތައް ގިނަ ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުއެވެ. ބައެއް ސިޓީތަކާއި ރަށްރަށުގައި ހުވާކުރުމުގެ ރަސްމިއްޔާތުތައް ބާއްވާނީ މިއަދުގެ އެކި ގަޑިތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ހެނދުނު 9:00 ޖެހިއިރު ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތައް އެއްވަގުތެއްގައި އެއްފަހަރާ ކުރިއަށް ގެންދެވޭނެ އިންތިޒާމު ލޯކަލް ގަވަމެންޓް އޮތޯރިޓީން ކައުންސިލްތަކާއި ގުޅިގެން ހަމަޖައްސާފައިވެއެވެ. ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައި ހުވާލައިދެއްވީ އެރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޟީއެކެވެ. މި އުސޫލުން ރާއްޖޭގެ 5 ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމާއި، ސިޓީތަކަށް ނިސްބަތްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރިރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނެއެވެ. ބައެއް ރަށްތަކުގެ ކައުންސިލަރުން ހުވާކުރުން ކުރިޔަށްދާއިރު މިއަދު ކުރިއަށް އޮތް ވަގުތުތަކުގައި އިތުރު ކައުންސިލަރުންތައް ވެސް ހުވާކުރައްވަން ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީގެ ކައުންސިލަރުން ހުވާ ކުރެއްވުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިގްރާރުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ ސޯޝަލް ސެންޓަރުގައެެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 677 ކައުންސިލަރުން އިންތިހާބު ކުރައްވާފައިވާއިރު، މިއަދު 676 ކައުންސިލަރުން ހުވާ ކުރައްވާނެއެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ އިންތިހާބުގައި 673 މެންބަރުން އިންތިހާބުކުރައްވާފައިވާއިރު، މިއަދު 662 މެންބަރުން އިގުރާރުވާނެއެވެ.

މި އިންތިހާބުގައި ސަރުކާރު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް 580 އަށްވުރެ ގިނަ ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފައެވެ. އިންތިހާބުގައި އެމްޑީޕީއަށް ލިބިފައިވަނީ ޖުމްލަ 560 އަށްވުރެ ގިނަ ގޮނޑިއެވެ. މި އިންތިހާބުގައި އެމްޑީއޭއަށް 23 ގޮނޑި ވަނީ ލިބިފައެވެ. މި އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ ޖުމްލަ 4 ގޮނޑިއެވެ. އަދާލަތު ޕާޓީއަށް 6 ގޮނޑި ލިބިފައިވާއިރު، ޑިމޮކްރެޓްސްއަށް ލިބިފައިވަނީ 2 ގޮނޑިއެވެ. އަދި މިނިވަންކޮށް އިންތިހާބުގައި ވާދަކުރި ފަރާތްތަކުން ވަނީ 168 ގޮނޑި ކާމިޔާބުކުރައްވާފައެވެ.

ad