logo

ސަރުކާރުން ދާނީ ވައުދު ފުއްދަމުން، ކައުންސިލުތަކުން ހުރަސް އަޅާނަމަ އެކަން ހާމަކުރާނަން: ރައީސް

އާމިނަތު މޫސާ
16 ގަޑިއިރު ކުރިން

އަލަށް އިންތިޚާބުވި ކައުންސިލުތަކުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށް ހުރަސް އަޅާކަމުގައިވާނަަމަ އެކަން ހާމަކުރަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި ބޭއްވި ޕީއެންސީ ޖަލްސާގައި ވާހަކަދައްކަވަމުން އިދިކޮޅު މެމްބަރުން ހޮވުނު ކައުންސިލުތަކަށް ވަކިން ޚާއްސަކޮށް ސިޓީ ކައުންސިލުތަކަށް އަމާޒުކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން އިސްކުރާނީ ގައުމުކަމަށެވެ. ކޮންމެ ފިކުރެއްގެ ބަޔަކާއެކުވެސް ސަރުކާރުން މަސައްކަތްކުރާނެކަމަށާއި ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ އާބާދީ ކުޑަ ރަށުގެ ރައްޔިތުންނާ އެންމެ ބޮޑު ސިޓީގެ ރައްޔިތުންނާއެކުވެސް އަމަލުކުރާނީ ހަމަހަމަކަމާއެކުކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެފުރުސަތު ސަރުކާރަށް ނުދޭނަމަ ވާގޮތް ރައްޔިތުންނަށް އޮޅުން ފިލުވައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަހު މި ފަރާތްތަކުން މަގާމާއި ހަވާލުވެވަޑައިގަންނަވާއިރު، އެ ހިސާބުން މި ފެށިގެން ދަނީ ރައްޔިތުން ކުރެއްވި އިތުބާރު އަމަލީ ގޮތުން ދެމެހެއްޓުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތް ކަމަށެވެ. އަދި ކައުންސިލްތަކާއި ޑަބްލިއުޑީސީއަކީ ވެރިކަން ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ހަވާލު ކުރެވުނު ޒިންމާ އަދާ ކުރުމުގައި އިހުލާސްތެރިވާން ޖެހޭނެ ކަމަށާއި، އަމާނާތްތެރިވާން ޖެހޭނެ ކަމަށް ރަައީސް ވިދާޅުވިއެވެ. އަދި ވޯޓު ދިން މީހުންނާއި، ވޯޓު ނުދިން މީހުން ތަފާތު ކުރުމެއް ނޯންނާނެ ކަަމަށާއި، އެންމެންނަށް ހަމަހަމަވެ، ރިވެތި މިސާލު ދައްކަވަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ. ރައީސް ވަނީ އެކުވެރިކަމާއެކު ޒިންމާދާރު މަސައްކަތެއް ހަމަހަމަކަމާއެކު ކުރެވިއްޖެނަމަ، ކާމިޔާބީ އޮންނާނީ ވަރަށް ގާތުގައި ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދުމުގައި ކުރިޔަށްދާނެކަމަށެވެ. ރައީސް ވިދާޅުވީ މިސަރުކާރަކުން ގައުމާ އިދިކޮޅު ކަމެއް ނުކުރާނެކަމަށެވެ.

ad