logo

ނޯތު ހާބަރުން ހުސްކުރި ސަރަހައްދު އަލުން ދަތުރުފަތުރުކުރާ ފަރާތްތަކަށް ހުޅުވާލައިފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

މާލޭ ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތި ހިމެނޭ ސަރަހައްދުގައި ތާރު އެޅުމުގެ މަޝްރޫއަށް ހުސްކުރި ނޯތު ހާބަރު ސަރަހައްދު، އުޅަނދުފަހަރަށް އަލުން ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން ބުނީ މި ސަރަހައްދު ކަނޑުދަތުރު ފަތުރުކުރާ ފަރާތްތަކަށް ހުޅުވާލާފައިވަނީ ރޭގެ 23:00 އިން ފެށިގެން ކަމަށެވެ. އެ ސަރަޙައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި، ގަވާއިދުތަކަށް ފެތޭ އުޅަނދުތައް އެކަނި ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރު ފެށޭ ހިސާބަށް ތާރު އެޅުމުގެ މަސައްކަތް ނިންމައި، ދެކޮޅަށް ދުއްވޭ މަގެއް ގޮތަށް މިދިޔަ ހޯމަ ދުވަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިން ބާވެ ހަލާކުވެފައިވާ އެއްގަމު ތޮށިވެސް އާކޮށްފައިވާތީ ލަފައިފުރާ އޮޑިދޯނި ފަހަރަށްވެސް ތޮށްޓައް ކައިރިކުރުން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ.

އަދި އެ މަގުގައި ދެކޮޅަށް ދުއްވޭ ގޮތަށް ގެނައި ބަދަލާއެކު، އެ ސަރަހައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން، އާންމު ދަތުރުފަތުރުތަަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ބާޒާރުމަތީ ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް ސަރަހައްދު ކަމަށް ވާއިރު، މަގު ޒަމާނީ ފެންވަރަށް ތަރައްގީވުމުގެ ސަބަބުން އޮޑިދޯނިފަހަރާއި، ވިޔަފާރިންނަށާއި އަދި އާންމު ރައްޔިތުންނަށްވެސް މުދާ އުފުލާ ބޭލުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ. އަދި މަގު ފުޅާވުމުގެ ސަބަބުން މަގު ތޮއްޖެހި ޓްރެފިކް ބާރު ބޮޑުވުމުގެ ފުރުސަތު ކުޑަވާނެއެވެ.

ad