logo

ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ: ވަޒީރު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބ. މާޅޮހުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ޖިނާޢީ ކުށްތައް އެއްވެސް ގޮތަކަށް ނޯންނަ މުޖުތަމައެއްގެ ގޮތުގައި މާޅޮސް ހެދިދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެފަދަ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި ބޭނުންވަނީ ރަށުގެ ރައްޔިތުންނާ ފުލުހުންނާ ގުޅިގެން އެއް އަމާޒެއް ހާސިލްކުރުމަށް މަސައްކަތް ކުރުންކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރަށްރަށުގައި އެންމެ ފުރިހަމައަށް ފުލުހުންގެ ޚިދުމަތް ދިނުމަކީ އަދު އެ ޚިދުމަތް ރައްޔިތުންނަށް ލިބިގެން ދިޔުމަކީ ރައީސް ޑރ. މުޢިއްޒުގެ އެދިވަޑައިގަތުމެއް ކަމަށާއި، އަދި ސަރުކާރުގެ ފަރާތުން އޮތް އެކްސްޕެކްޓޭޝަނެއް ކަމަށެވެ. ރައްޔިތުން ބޭނުންވި ގޮތަށް ހުރިހާ ޚިދުމަތެއް ފުރިހަމަވެގެން މިއަދުން ފެށިގެން މާޅޮހުގައި ފުލުހުންގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާލުވިއެވެ.

ވަޒީރު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް މާޅޮހުގައި ފެށިގެން މިއައީ ރަށުގެ ރައްޔިތުންނާ އަދި ރަށުގެ ކައުންސިލްގެ ދައުރު ފުރިހަމައަށް އަދާކުރުމުން ކަމަށެވެ.

ބައެއް ރަށްރަށުގަ އަދިވެސް މި މަސައްކަތް އަދިވެސް ނުފެށި އެބަހުރި ކަމަށާއި، ހަމަ ޖައްސަން ޖެހޭ ބިމާއި ތަރުތީބު ކުރެވެން ޖެހޭ އެހެނިހެން ކަންކަން ހަމަނުޖެހި މަސައްކަތް ނުފެށި އެބަހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ކައުންސިލްތަކާއި އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ހިސާބުތަކުގަ މި މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ.

ވަޒީރު ވަނީ ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން މިފަދަ މުހިންމު މަސައްކަތްތަކަށް ސަރުކާރަށް ރައްޔިތުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މާޅޮހު ޕޮލިސް ސްޓޭޝަންގެ ބިންގާއަޅައި މަސައްކަތް ފަށާފައިވަނީ 2025 އޮގަސްޓް 14 ވަނަ ދުވަހުއެވެ. މި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.

ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މާޅޮހުގައި ފުލުހުން ގާއިމުވެ ހިދުމަތް ދޭން ފަށާފައިވަނީ 2024 ޖަނަވަރީ 27 ވަނަ ދުވަހުއެވެ.

މިއީ މި ސަރުކާރުން ގާއިމުކުރި 3ވަނަ ޕޮލިސް ސްޓޭޝަނެވެ.

ad