ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ތިލަފުށީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ ތިލަފުށީގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމް ޚިދުމަތް ގާއިމުކޮށް، މުޅި ރާއްޖޭގައި ގާއިމުކޮށްފައިވާ އޭޓީއެމް ވިއުގަ އިތުރަށް ހަރުދަނާކޮށްފައި ވާކަމަށެވެ.
އެ އޭޓީއެމް ހުޅުވުމަށް ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބޭންކުގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ބީއެމްއެލްއިން ބުނީ މި އަހަރުގެ ތެރޭގައި އިތުރު ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތަކާއި ބްރާންޗްތައް އަދި އޭޓީއެމްތައް ގާއިމުކޮށް ބޭންކުގެ ޚިދުމަތް އިތުރަށް ފުޅާކުރާނެކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭރު ފައިސާއަށް ވާސިލުވުމަށް އިތުރަށް ފަސޭހަކޮށްދިނުމަށް 70 އަށްވުރެ ގިނަ ޑޮލަރު އޭޓީއެމް ގާއިމުކުރާނެ އެ ބޭންކުން ބުނެއެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ، ތިލަފުށީގައި އޭޓީއެމް ގާއިމުކުރުމުން ދައްކުވައިދެނީ، ވިޔަފާރި މުޖުތަމައުތަކަށް ބޭންކިން ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް ބެންކުން ދޭ އަހަންމިއްޔަތުކަން ކަމަށެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަމުންދާއިރު އަޅުގަނޑުމެންގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކުރުމަކީ ވަރަށް ބޮޑު އަމާޒެއް. ތިލަފުށީގައި ގާއިމުކުރެވުނު ސެލްލް ސަރވިސް އޭޓީއެމްއިން ދައްކުވައިދެނީ ވިޔަފާރި މުޖުތަމައުތަކަށް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް އަޅުގަނޑުމެންދޭ އަހުމިއްޔަތުކަން. 2026 ވަނަ އަހަރު ޚިދުމަތް ފުޅާކުރުމަށް ރާވާފައިވާ ކަންކަމައިގެން އަޅުގަނޑުމެން ކުރިއަށް ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ކަސްޓަމަރުންނަށްވެސް ފަސޭހަ އަދި އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން މުހިންމު އިސްކަމެއް ދޭ ކަމެއް."ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

