ސިޔާސީ ޕާޓީތަކުގެ އަންބޮނޑި ބޮޑުކުރުމަށް ބްރޯޑްކޮމް އާއި، އީސީ އަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލު ވިދާޅުވެއްޖެ އެވެ.
މުހައްމަދު ވިދާޅުވީ ސިޔާސީ ލީޑަރުން އެމީހުންގެ އަމިއްލަ އަންބޮނޑި ބޮޑުކުރުމައްޓަކާ ނޫސް މަޖައްލާތަކާ ޓީވީ ޗެނަލްްތަކާ މީސްމީޑިޔާތަކާ ޕާޓީތަކުގެ އެކްޓިވިސްޓުން ބޭނުންކުރަމުންދާ ކަމަށެވެ.
އެގޮތުން ފުރަމާލޭގެ މަގުތައްމަތީ ދެކޮޅަށްދުވެ އަޑުގަދަކުރާ ވަސީލަތްތައް މެދުވެރިކޮށް ދިވެހިރާއްޖޭގެ އެންމެމަތީ ވެރިޔާގެ ޒާތުފުޅަށް ނިސްބަތްކޮށް ބުހުތާނު ދޮގުހަބަރު ފަތުރަމުން ދާއިރު ބުރޯޑުކާސްޓިން ކޮމިޝަނާ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގަވާ އިލެކްޝަންްސް ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރަން ހަމައިސްކޮޅަށް ތެދުވަންޖެހޭ ކަމަށް ދެކޭ ކަމަށެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުހައްމަދު މިގޮތަށް ވިދާޅުވެފައިވާއިރު، އެމްޑީޕީ އާއި ޕީއެންއެފުން މާލޭގައި މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައިދަނީ އާންމު އަޙްލާގީ މިންގަނޑުތަކާއި ހިލާފް އަމަލްތައް ހިންގަމުން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ އެ ޕާޓީތަކުން އެ މިންގަނޑުތަކަށް ސަމާލުވުމަށް ވެސް އީސީން ވަނީ މީގެ ކުރިން އަންގާފައެވެ.
އަދި މިދަނޑިވަޅުގަ އީސީގެ ރައީސްކަމުގަ ހުންެނެވި މުހައްމަދު ޒާހިދު ވަނީ މި މަހުގެ 1 ވަނަ ދުވަހު އީސީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރެއެވެ. ހަމައެކަނި ވިދާޅުވީ އިސީގެ ރައީސްކަމާއި މެންބަރުކަމުން އިސްތިއުފާ ދެއްވީ ކަމަށެވެ.


