ތިލަފުށީގައި ގާއިމްކޮށްފައިވާ ހުސް ކޮންޓެއިނަރު ބަހައްޓާ ޖާގަ ނުވަތަ "އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ' އިތުރުކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ތިލަފުށީގައި ޤާއިމްކުރެވުނު "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ"ގެ މަސައްކަތް ނިންމައި، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ކުންފުނީގެ އޮޕަރޭޝަންސްތަކުގައި އެ ސަރަހައްދު ދަނީ ބޭނުންކުރަމުން ކަމަށެވެ. މި ވަގުތުވެސް އެ ސަރަހައްދުގައި ޖުމްލަ 1600 ޓީއީޔޫ އެބަހުރިކަން އެ ކުންފުނިންވަނީ ފާހަގަކޮށްފަ އެވެ.
މި ސަރަހައްދުގެ ޖާގަ އިތުރުކުރުމަށްޓަކައި ބިން އެއްވަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. މި އައު ސަރަހައްދު ބޭނުންކުރަން ފެށުމުން ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3000 ޓީއީޔޫއަށް މަތިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބގެންދާނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
އެމްޕީއެލްއިން ބުނީ ބަނދަރުގެ ޖާގައިގެ ދަތިކަމަކަށް ފުރިހަމަ ހައްލެއް ލިބޭނީ މިހާރު ރޭވިފައިވާ ގޮތަށް ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުންކަމަށާއި ތިލަފުށީގައި ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރުގެ މަސައްކަތްތައްވެސް މި ކުންފުނިން ދަނީ ބާރަށް ކުރިއަށް ގެންދަމުން ކަމަށެވެ.
އެގޮތުން ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ހަވާލުކޮށްފަ އެވެ.
ސީއެޗްއީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސަރވޭތައް މިހާރު ވަނީ ފުރިހަމަކޮށްފައިކަމަށާއި މި ސަރވޭތައް ފުރިހަމަކޮށްފައިވަނީ ކަނޑައެޅިފައިވާ ތާވަލަށްވުރެ މާބޮޑަށް ވެސް އަވަހަށްކްނަ ފާހަގަކޮށް މިހާރު ކުރިއަށްދަނީ "ޖިއޯ ޓެކްނިކަލް" ސަރވޭގެ މަސައްކަތްތައްކަން އެމްޕީއެލްއިން ހާމަކުރެ އެވެ.
މީގެ އިތުރުން، ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމްޕީއެލްގެ ޓީމުތަކުން ދަނީ ކުރިއަށް ގެންދަމުން ނެވެ.
ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް ޚިދުމަތް ދޭން ފެށުމަކީ އެމްޕީއެލްގެ އަމާޒެވެ.

