logo

ޤާނޫނުތައް ތަންފީޒު ކުރެވޭނެ، ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ: ވަޒީރު ހީނާ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާއި، އެ ޤާނޫނުތަކާއި ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ އެފަދައިން ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާއި ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ދެ ނޫސްވެރިއަކަށް އިއްވި ޖަލު ހުކުމާއި ގުޅިގެންނެވެ.

ހީނާ ވިދާޅުވީ، މިއުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެންނެއް ނޫން ކަމަށާއި ނިގުޅައިގަނެގެން ނުވަތަ އަތުލައިގަނެގެނެއް ވެސް ނޫން ކަމަށެވެ. މިއުޅެނީ މި ޙައްޤުތައް އޭގެ އެއްވެސް ހައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކޮށްގެން ކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ސުވާލު ކުރާ ހުރިހާ ނޫސްވެރިން ފުލުހަކަށް ނުވަތަ ކޯޓަކަށް ނުގެންދާ ކަމަށާއި ޖަލަކަށް ވެސް ނުލާ ކަމަށް ހީނާ ފާހަގަ ކުރެއްވިއެވެ.

View post on Twitter

ހީނާ ވިދާޅުވީ އެކަމަކު ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރުއްވާފައި އޮތުމުން އެއަށް ޢަމަލު ނުކުރައްވާ ހިތު ހުރިގޮތަކަށް އެ އަމުރާ ޚިލާފުވާން ފުރުޞަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ލިބިވަޑައެއްނުގަންނަވާ ކަމަށެވެ.

މިޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާ އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ ކަމަށެވެ. އަދި ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔާ ޒިއްމާދާރު ކުރެވޭނެ ކަމަށެވެ.

ad