logo

ޕެކޭޖެއްގައި މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ނިބޫގެ / މާލެ، ޝަމްޢޫން ނަޞީރު (34އ) އާއި ގ. މާވާގެ / މާލެ، ޢަބްދުﷲ ޔާމީން (32އ) އެވެ.

ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ހިންގި އޮޕަރޭޝަންގައެވެ.

އެ މައްސަލައާ ގުޅިގެން މި މާރިޗު މަހުގެ 29 ވަނަ ދުވަހު އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަމްޢޫން ނަޞީރު 5 ދުވަހަށް އަދި ޢަބްދުﷲ ޔާމީން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ޝަމްއޫންގެ ކޯޓު އަމުރުގައި ބުނީ އޭނާގެ ބަންދަށް ކުރު މުއްދަތެއް ދިނީ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނުމުން ކަމަށެވެ.

ކޯޓުން ބުނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ކަމަށާއި ޕެކޭޖާ އޭނާ ހަވާލުވި ކަމަށާއި ޕެކޭޖް ފުރަތަމަ ބަލައިދިޔަ މީހާ ދިޔައީ އޭނާ ބުނެގެން ކަމަށް އައިއޯ ފާހަގަކުރި ކަމަށެވެ. މި މީހުން އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1،890 ގްރާމް ކޮކެއިން ހުރިކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.

އެ މައްސަލާގައި ޔާމީންގެ ކޯޓު އަމުރުގައި ބުނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ގެންދަނިކޮށް ޕެކޭޖް ނެގުމަށް އޭނާ ދިޔަ ކަމަށެވެ. އަދި އިތުރު މީހަކާ އެ ޕެކޭޖް އޭނާ ހަވާލުކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އޭނާ އެ ޕެކޭޖު ބަލައި ދިޔައީ ރައްޓެއްސަކު ބުނެގެން ކަމާއި އެއީ އެ މައްސަލައިގައި ދެން ހައްޔަރުކުރި ޝަމްއޫން ކަމަށް ވެސް އަމުރުގައިވެ އެވެ. އެކަން އެހެން ހިނގިކަން، ސީންގައި ވެސް ކިޔައިދީފައިވާނެކަމަށް ވަކީލު ފާހަގަކުރި ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ޔާމީނާއި ޝަމްއޫނަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑް އޮތް ބައެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ad