ދިވެހި ރާއްޖޭގެ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުން މިއަދު ހުވާކުރައްވައިފިއެވެ.
ފަނޑިޔާރުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ކުރިފުޅުމަތީގައި ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާތުމަތު ފަރުހީޒާއެވެ. ހުވާކުރެއްވުމަށްފަހު ފަނޑިޔާރުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީންނެވެ. އެ ކޮމިޝަނުން ވަނީ ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އަދި ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން އައްޔަން ކުރައްވާފައެވެ. މި ފަނޑިޔާރުންނަށް ފަތްކޮޅު އަރުވައިދެއްވީ ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކްއެވެ.
ކްރިމިނަލް ކޯޓަށް ޤާޟީން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން އެ ކޯޓަށް އައްޔަން ކުރައްވާފައިވަނީ ޅ. ކުރެންދޫ ނޫރާނީމާގެ، އަލްއުސްތާޛް ސުލައިމާން މުޙައްމަދު އާއި ހއ. ދިއްދޫ ޑޭޒީމާގެ، އަލްއުސްތާޛް އަޙްމަދު ތައުފީޤު އަދި ތ. ވޭމަންޑޫ ޑްރީމް، އަލްއުސްތާޛް މުޙައްމަދު ޢަބްދުﷲއެވެ.
ސިވިލް ކޯޓަށް ޤާޟީން ހޯދުމަށް އިއުލާންކޮށް އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ޖޭއެސްސީން އެ މަޤާމަށް އައްޔަން ކުރެއްވުމަށް ނިންމެވީ ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް، އަލްއުސްތާޛް މުޙައްމަދު ނިޝާޠު އާއި ރ. ހުޅުދުއްފާރު ރޯޒްވިލާ، އަލްއުސްތާޛާ އާސިޔާ އަޡީމާއެވެ.
ސިވިލް ކޯޓަށް އައްޔަން ކުރެއްވި 2 ފަނޑިޔާރުންނަކީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް އައްޔަން ކުރެވުނު ފަނޑިޔާރުންނެވެ. އަދި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވުނު 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުންނަކީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް އައްޔަން ކުރެވުނު ބޭފުޅުންނެވެ.

.jpg&w=256&q=75)
